04 Jul 2014, 14:14
ނިއުދިއްލީ (ޖުލައި 4) : އިރާގު ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިވާ ތިކްރީތުގައި މަސައްކަތްކުރާ އިންޑިޔާގެ އަންހެން ނަރުހުންތަކެއް ގޮތްނޭނގޭ ބަޔަކު ވަގަށް ނަގައިފިކަން އިންޑިޔާގެ ޚާރިޖީ ވުޒާރާ އިން ހާމަކޮށްފި އެވެ.
އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ސައްޔިދު އަކްބަރުއްދީން އިއްޔެ ވިދާޅުވީ ތިކްރީތުގައި މަސައްކަތްކުރާ އިންޑިޔާގެ 50 ނަރުހުން އެމީހުން ވަޒީފާ އަދާކުރާ ހޮސްޕިޓަލުގައި ތިއްބައި ހަތިޔާރުއެޅި ބަޔަކު އެމީހުން ގޮތްނޭނގޭ ތަނަކަށް އިއްޔެ ގެންގޮސްފައިވާ ކަމަށާއި އެމީހުން ހޯދުމަށް އިރާގުގެ ޚާރިޖީ ވުޒާރާއާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމުގަ އެވެ.
މި 50 ނަރުހުން ނިސްބަތްވާ އިންޑިޔާގެ ކެރަލާ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ އެހީތެރިޔާ އޮމީން ޗާންދީ ވިދާޅުވީ އޭނާ އިއްޔެގެ ވަގުތެއްގައި އެ 50 ނަރުހުންގެ ތެރެއިން ބައެއް ނަރުހުންނާ މޯބައިލް ފޯނުން ވާހަކަ ދެއްކި ކަމަށާއި ތިކްރީތުގެ ހޮސްޕިޓަލުގައި އެމީހުން ތިއްބައި ދެބަހަކަށް އަރުވައިގެން ގޮތްނޭނގޭ ތަނަކަށް އެމީހުން ގެންގޮސްފައި ވަނީ ހަނގުރާމަވެރިންގެ ބައެއްކަމުގެ މައްލޫމާތު ނަރުހުންގެ ފަރާތުން ލިބިފައިވާ ކަމުގަ އެވެ.
އިރާގު ކުރީގެ ރައީސް ސައްދާމް ޙުސައިންގެ އުފަން ރަށްކަމަށްވާ ތިކްރީތަކީ އިސްލާމީ ޚިލާފަތެއްގެ ނަމުގައި އިރާގުގެ އުތުރާއި ހުޅަނގުގެ ބައެއް ސަރަހައްދުތަކުގައި އަމިއްލައަށް ދައުލަތެއް އިޢްލާންކޮށްގެން އުޅޭ ހަރުކަށި ޖަމާއަތެއް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވެންޓް" (ދާޢިޝް)ގެ ހަނގުރާމަވެރިން ކޮންޓްރޯލް ކުރާ ރަށެކެވެ. ތިކްރީތުގައި މަސައްކަތްކުރާ އިންޑިޔާގެ ނަރުހުންނަށް ލިބޭ މުސާރަ ބޮޑުކަމުން އަނބުރައި އިންޑިޔާ އަށް އައުމަށް އެމީހުން ބޭނުންނުވާ ކަމަށް އިންޑިޔާ ސަރުކާރުން ބުނެެ އެވެ.
އިރާގަކީ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ގައުމަކަށްވީ ނަމަވެސް އިރާގަކީ ގަލްފުގެ އެހެން ގައުމުތަކަށް ވުރެ ވެސް ތެލުގެ ރިޒާވް ބޮޑު އަދި ތެލުގެ މުއްސަނދިކަމުންލިބޭ އާމްދަނީ މިހާރު ވެސް ވަރަށް ބޮޑުގައުމެވެ. އިރާގުގައި މަސައްކަތްކުރާ ބޭރުގެ ޑޮކްޓަރުންނާއި ނަރުހުންނަށް، ގަލްފުގެ މުއްސަނދި އެހެން އަރަބި ގައުމުތަކުގައި މަސައްކަތްކުރާ މިފަދަ ފަންނީ މީހުންނަށް ދޭ މުސާއަށްވުރެ ދެގުނަ ބޮޑު މުސާރައެއް ދޭ ކަމަށް ވެ އެވެ. އިރާގުގައި މަސައްކަތްކުރާ ބޭރު މީހުންނަށް ބޮޑު މުސާރަ ދެނީ ހަނގުރާމައާއި ބޮންގޮއްވުމާއި ހަމަނުޖެހުން ބޮޑު މާހައުލެއްގައި މަސައްކަތްކުރަންޖެެހޭތީ ކަމަށް ޚަބަރުތައް ބުނެ އެވެ. (ރޮއިޓާސް)