ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ބްރެޒިލް އާއި ކޮލަމްބިއާ ބައްދަލުކުރާ މެޗަކީ ހަމައެކަނި ބްރެޒިލްގެ ތަރި ނޭމާ އާއި ކޮލަމްބިއާގެ ތަރި ޖޭމްސް ރޮޑްރިގޭޒްގެ މެޗެއް ނޫން ކަމަށް ނޭމާ ބުނެފި އެވެ.

އަމިއްލަ ގައުމުގައި ކުޅޭ މި މުބާރާތް ކާމިޔާބު ކުރުމާއި ހަ ވަނަ ވޯލްޑް ކަޕެއް ކާމިޔާބު ކުރުމުގެ އަޒުމުގައި ތިބި ބްރެޒިލް މިރޭ ނުކުންނަން ޖެހޭނީ މި މުބާރާތުގައި ވަރަށް ރަނގަޅު ނަތީޖާއެއް ނެރެމުންދާ ކޮލަމްބިއާ އާ ދެކޮޅަށެވެ.

މި މެޗަށް ބްރެޒިލް އާއި ކޮލަމްބިއާ ނުކުންނަ އިރު، އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ އަކީ ބްރެޒިލްގެ ނޭމާ އާއި ކޮލަމްބިއާގެ ރޮޑްރިގޭޒްގެ ވާހަކަ އެވެ. މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ ރޮޑްރިގޭޒް ފަސް ލަނޑު ޖަހައިފައި ވާ އިރު، ނޭމާ ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފަ އެވެ.

"ޗިލީ އަށް ފަހު، ކޮލަމްބިއާ އަކީ އަހަރެމެން ނުކުންނަން ޖެހޭ ދެކުނު އެމެރިކާގެ ވަރުގަދަ އަނެއް ޓީމު،" ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުންޏެވެ. "މިރޭގެ މެޗަކީ ހަމައެކަނި އަހަރެންނާއި ރޮޑްރިގޭޒްގެ ކުރިމަތިލުމެއް ނޫން. މިއީ ބްރެޒިލް އާއި ކޮލަމްބިއާގެ ކުރިމަތިލުމެއް. މި މެޗުގައި ވެސް އަހަރެމެން ޖެހޭނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން. ރޮޑްރިގޭޒް އަކީ ވަރަށް ނުރައްކާތެރި، ހުނަރުވެރި، ވައަތު ފައިން ނުރައްކާތެރި ހަމަލާތަކެއް އުފައްދާ އަދި ވިސްނުން ތޫނު ކުޅުންތެރިއެއް. އޭނާ އަށް އަހަރެމެން އިސްކަމެއް ދޭން ޖެހޭނެ."

ނޭމާ ބުނީ، ޝައްކެއް ނެތް ގޮތުގައި މިރޭގެ މެޗަކީ ވެސް ޗިލީ މެޗެކޭ އެއްގޮތަށް ވަރަށް އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ. އަދި ގަދަ 16 ގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލް އަށް ފުން އަސަރުތަކެއް ކުރި ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

ކުއާޓާގައި ކޮލަމްބިއާ އާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ ރާއްޖޭ ގަޑިން މިރޭ 01:00 ގައެވެ. މި މެޗު ކުޅޭނީ ބްރެޒިލްގެ ފޯޓަލޭޒާ ސިޓީގެ އެސްޓޭޑިއޯ ކަސްޓެލާއޯގަ އެވެ.