ދުބާއި (ޖުލައި 4) : އިރާގުގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރުގަދަވަމުންދާތީ އިރާގާއި ސައޫދީ އަރަބިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ސައޫދީ ސިފައިންގެ 30 ހާސްމީހުން ރުކުރުވާލައިފި ކަމަށް އަލްއަރަބިއްޔާ ޓިވީ ޚަބަރު ދީފި އެވެ.

އިރާގާއި ސައޫދީ ސަރަހައްދީ ރޮނގުގެ ކައިރިއަށް ސައޫދީ ސިފައިންގެ 30 ހާސްމީހުން ޖަމާކުރީ ސަރަހައްދީ ރޮނގުގެ އަނެއްފަޅީގައި ތިބި އިރާގުގެ ސިފައިންގެ އެތައް ހާސްބަޔަކު އެސަރަހައްދުން ފޭބުމުން ކަމަށް ވެސް "އަލްއަރަބިއްޔާ" ބުނެ އެވެ. އިރާގާއި ސައޫދީ އަރަބިޔާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ސައޫދީ ސިފައިންގެ 30 ހާސް މީހުންގެ ލަޝްކަރެއް ޖަމާވިކަމުގެ ޚަބަރު ފެތުރިފައިމި ވަނީ އިރާގު ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އެގައުމުގެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވެންޓް" (ދާޢިޝް)ގެ ހަނގުރާމަވެރިންގެ ބާރު އިރާގުގައި ގަދަވެ އެމީހުންގެ ކޮންޓްރޯލްގެ ދަށަށް އިރާގުގެ ބޮޑުބައެއް ގޮސްފައިވަނިކޮށެވެ.

"ދާޢިޝް"ގެ ހަނގުރާމަވެރިން ވަނީ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައިވާ އިރާގުގެ އުތުރާއި ހުޅަނގުގެ ސަރަހައްދުތަކުގައި އިސްލާމީ ޚިލާފަތުގެ ދައުލަތުގެ ނަމުގައި ދައުލަތެއް ވެސް އުފެއްދިކަން މި ރަމަޟާން މަހުގެ އެއްވަނަ ދުވަހު އިޢްލާންކޮށްފަ އެވެ. އެޖަމާއަތުގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ އަކީ މުސްލިމުންގެ ޚަލީފާ ކަމަށާ އޭނާއާއަށް ހުރިހާ މުސްލިމުން ތަބާވާން ޖެހޭނެ ކަމަށް ވެސް "ދާޢިޝް" އިން ބުނެފައިވެ އެވެ. ނަމަވެސް އިރާގު ސަރުކާރާ އިދިކޮޅު ހަނގުރާމަވެރި އެހެން ޖަމާއަތްތަކާއި ސުންނީން ގަބީލާތަކުން ވެސް، ވަނީ މިދައުލަތާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އެހެންކަމުން "ދާޢިޝް" އަށް ނިސްބަތްވާ ހަނގުރާމަވެރިން ފިޔަވައި އެހެން އެއްވެސް ބަޔަކު، އެޖަމާއަތުން އިޢްލާންކުރި "އިސްލާމީ ޚިލާފަތު"ގެ ދައުލަތް ގަބޫލުކޮށްފައެއްނުވެ އެވެ.

އިރާގުގެ އުތުރާއި ހުޅަނގުގައި "ދާޢިޝް"ގެ ކޮންޓްރޯލްގެ ދަށުގައިވާ އިރާގުގެ ބިމުގެ ސަރަހައްދުގެ ބޮޑުމިން ލުބްނާނުގެ ބިމުގެ ފަސްބިމާ އެއްވަރު ކަމަށްރިޕޯޓްތައް ބުނެ އެވެ. މިބިންތަކުން "ދާޢިޝް"ގެ ހައްދުފަހަނަޅާފައިވާ ހަނގުރާމަވެރިން ފައްސާލުމަކީ އިރާގު ސިފައިންގެ މިހާރުގެ ހާލަތުއޮތް ގޮތުން އިރާގު ސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަމަށް އެމެރިކާގެ އަސްކަރީ ތަޖްރިބާކާރުން ބުނެ އެވެ.

އިރާގާއި ސައޫދީ ސަރަހައްދީ ރޮނގުގައިތިބި އިރާގު ސިފައިންގެ އެތަށް ހާސްބަޔަކު ވަނީ"ދާޢިޝް" އާ ދެކޮޅަށް އިރާގު ސިފައިން ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަންގައި ބައިވެރިވުމަށް އިރާގުގެ އެތެރޭގެ ސަރަހައްދުތަކަށް ގެންގޮސްފައި ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އިރާގު ސިފައިންގެ ތަރްޖަމާނެއް ކަމަށްވާ ޖެނެރަލް ގާސިމް އަތަﷲ ވަނީ އިރާގާއި ސައޫދީގެ ސަރަހައްދީ ރޮނގުން އިރާގު ސިފައިން ބާލާފައިވާ ކަމަށް ފެތުރުނު ޚަބަރުތައް ދޮގުކުރައްވާފަ އެވެ. ދެގައުމުގެ ސަރަހައްދީ ރޮނގު ވަނީ އިރާގު ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށާ ހަނގުރާމަވެރިންގެ ނުރައްކަލެއް އެސަރަހައްދުގައި ނެތް ކަމަށް ޖެނެރަލް ގާސިމް އަތަﷲ އިއްޔެ ވިދާޅުވި އެވެ.

އިރާގާއި ސައޫދީ ސަރަހައްދީ ރޮނގަކީ 800 ކިލޯ މީޓަރުގެ ބޮޑު ސަރަހައްދެކެވެ. މިސަރަހައްދު ހުރަސްކޮށް "ދާޢިޝް"ގެ ހަނގުރާމަވެރިން ސައޫދީ އަރަބިޔާ އަށް ވަދެގެންފި ނަމަ ސައޫދީ ބިމުން ދެން އެމީހުން ފައްސާލުމަކީ ވަރަށް ދަތި އަދި އަސްކަރީ ގޮތުން ޚަރަދުބޮޑު ކަމަކަށްވާނެ ކަމަށާ މިފަދަ ހާލަތެއްގައި ސައޫދީ މުޖްތަމައުތުގެ އަމަން އަމާންކަން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ސައޫދީ މަސްއޫލުވެރިން އިޙްސާސް ކުރައްވާ ކަމަށް އަލްއަރަބިއްޔާ ބުނެ އެވެ. އަދި އެމެރިކާ ސިފައިން ވެސް ޖެހިލުންވާ "ދާޢިޝް"ގެ ހުނަރުވެރި ޒުވާން ހަނގުރާމަވެރިންނާ ކުރިމަތިލުމަކީ ހަނގުރާމައިގެ ތަޖްރިބާމަދު ސައޫދީ ސިފައިންނަށް ބޮޑުގޮންޖެހުމަކަށް ވާނެކަމަށް ވެސް ތަޖްރިބާކާރުން ދެކެ އެވެ. އެހެންކަމުން އިރާގާއި ސައޫދީ ސަރަހައްދީ ރޮނގުގެ ސައޫދީ ފަޅީގައި ސައޫދީ ސިފައިންގެ 30 ހާސް މީހުން ރުކުރުވާލީ "ދާޢިޝް"ގެ ފަރާތުން ސައޫދީ އަރަބިޔާ އަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން ކަމަށްވެ އެވެ.

ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް ވަނީ ކުރިމަތިވެދާނެ ޓެރަރިޒަމްގެ ބިރުތަކުން ސައޫދީ ދައުލަތާއި ރަސްކަމުގެ ނިޒާމް ހިމާޔަތް ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް އެގައުމުގެ ސިފައިންގެ ލަޝްކަރުތަކަށް އަމުރު ކުރައްވާފަ އެވެ. ބަރަކާތްތެރި ރަމަޟާން މަސް ފެށުމާގުޅިގެން ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި ސައޫދީ ރަސްގެފާނު ވަނީ އިސްލާމީ ހެދުން އަޅައިގެން ތިބި"ޓެރަރިސްޓުންގެ ބައިގަނޑަށް" ސައޫދީ މުސްލިމް އުންމަތުގެ އެތެރޭގައިހަމަނުޖެހުން އުފައްދައި އަމަންއަމާން ކަމުގައި ދިރިއުޅެމުންދާ ސައޫދީމުސްލިމް ރައްޔިތުންނަށް ބިރުދެއްކުމުގެ ފުރުސަތު ނުދެއްވާނެ ކަަމަށް ވިދާޅުވެ އިސްލާމް ދީން ޝިޢާރަކަށް ހަދައިގެން އުޅޭ ހަނގުރާމަވެރި ޖަމާއަތްތަކަށް އިންޒާރެއް ދެއްވާފަ އެވެ.

އިރާގާއި ސޫރިޔާގެ އިތުރުން ޕާކިސްތާން ފަދަ އިސްލާމީ އެތައް ގައުމެއްގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކަށް ނިސްބަތްވާ ޒުވާން ހަނގުރާމަވެރިންނަކީ އެގައުމުތަކުގެ ސަރުކާރުތަކުން ހިންގަމުން ގެންދާ ބޭއިންސާފާއި ތަފާތުކުރުމުގެ އަމަލުތަކާ އެކު ނިކަމެތިކަމާއި ފަގީރުކަން ތަހައްމަލް ކުރަމުންގެންދާ އަދި އެމެރިކާގެ އަނިޔާވެރި އަމަލުތަކުގެ ޝިކާރައަކަށް އެމީހުންނާއި އެމީހުންގެ ޢާއިލާތައް ވުމުގެ ސަބަބުން ބަދަލުހިފުމުގެ ވަރުގަދަ ރޫހެއްގައި ހަރަކާތްތެރިވަމުންދާ ބައެކެވެ. މިފަދަ ހަނގުރާމަވެރިން އިސްލާމީ ޝަރީޢަތާއި ޖިހާދުފަދަ އިސްލާމީ ޝިޢާރުތައް އުފުލަމުންދަނީ އެމީހުންގެ ދަލުގައި އެހެން މުސްލިމުން ޖައްސައި މުސްލިމުންގެ ހަމްދަރްދީ ހޯދުމަށް މިފަދަ ޖަމާއަތްތަކާ ބެހޭ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ބަދަލުހިފުމުގެ ރޫހުގައި ހަރަކާތްތެރިވާ މިޖަމާއަތްތައް ވެސް އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ތަޅާފޮޅައި ހަނގުރާމަ ކުރަމުންގެންދާ އިރު ކޮންމެ ޖަމާއަތަކުން ވެސް ގެންދަނީ އަނެއްޖަމާއަތެއްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކަރުބުރިކުރުމާއި ދިރިތިއްބާ ސަލީބަށް އެރުވުން ފަދަ ހަރުކަށި އަމަލުތައް ހިންގަމުން ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ. ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށް ނެރުމަށް އިސްލާމީ ދުނިޔޭގެ ގިނަ ބަޔަކު ތާއީދުނުކުރާކަން ދާދިފަހުން ކުރި ސާވޭއަކުން ވަނީ ހާމަވެފައެވެ. (ނޫސްއެޖެންސީތައް)