ރޯދަ މަހުގެ އެންމެ ހާއްސަ ބާވަތް، ކަރަލުގެ އަގު މާލޭގެ ބާޒާރުގައި ބޮޑުވެއްޖެ އެވެ.

ދަތުރުވެރިންގެ މާރުކޭޓަށް ބަލާ އިރު މީގެ ދެ ދުވަސް ކުރިން އާންމު ގޮތެއްގައި 15 ރުފިޔާއަށް ވިއްކަމުން ދިޔަ ކަރާ ކިލޯއެއް މިއަދު ބާޒާރުގައި ވިއްކަމުން ދަނީ 18 ރުފިޔާ އާއި 20 ރުފިޔާ އާއި ދޭތެރޭ އަގުތަކެއްގަ އެވެ.

މާރުކޭޓްގައި ކަރާ ވިއްކަން އިން ވިޔަފާރިވެރިއެއް ކަމަށްވާ އާދަމް އިބްރާހިމް ބުނި ގޮތުގައި މާލޭގެ ބާޒާރުގައި ކަރާގެ އަގު މާ ބޮޑުތަން ދަށަށް ދާނެ ކަމަށް ނުބެލެވެ އެވެ. ސަބަބަކަށް އޭނާ ބުނީ މިފަހަރު މާލޭ ބާޒާރުގައި ވިއްކަން ހުރި ކަރާގެ ނިސްބަތް މަދު ކަމުން ކަމަށެވެ.

ތޮއްޑޫ ދަނޑުވެރިޔަކު ބުނީ ކަރާ ކުއްލިއަކަށް އަގު މައްޗަށް ދިޔައީ އެ ރަށުން ވިއްކަން ގެނައި ކަރާތަކެއް ފުލުހުން ޓޯޔާޑަށް ގެންދިއުމުން ކަމަށެވެ.

ފުލުހުން އެތަކެތި ގެންގޮސްފައި ވަނީ ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗެއްސަށް އުނދަގޫވާ ގޮތަށް ލޯކަލް މާރުކޭޓް ސަރަހައްދާ ދިމާލުން މަގުމަތީގައި ބަހައްޓާފައި ހުރުމުން ކަމަށް ފުލުހުން ބުނެއެވެ.

ރޯދަ މަސް ފެށުނު އިރު ބާޒާރުގައި ކަރާ ކިލޯއެއް ވިއްކަމުން ދިޔައީ 20 ރުފިޔާ އަށެވެ.