09 Jan 2011, 16:20
ތަރައްގީވެފައިވާ ގައުމުތަކުގައި މަސްތުވާތަކެތި ދެނެގަތުމަށްޓަކައި ބޭނުންކުރާ ފަދަ މެޝިނެއް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ރާއްޖެ ގެނައުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ބައިނަލްއަގުވާމީ ގައުމުތަކުން ގަބޫލުކުރާ ފެންވަރުގެ، މަސްތުވާތަކެތި ދެނެގަންނަ މެޝިނެއް މި އަހަރުގެ ކުރީ ކޮޅު ރާއްޖެ ގެންނާނެ ކަމަށެވެ. އަދި އެ މެޝިން ރާއްޖެ ގެނައުމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކާ އެކު ކުރަން ޖެހޭ މަސައްކަތްތަކުގެ އެންމެ ފަހު މަރުހަލާތައް ކަނޑައްތު ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ މެޝިން ރާއްޖެ ގެނައުމާ އެކު މަސްތުވާތަކެތި ޓެސްޓް ކުރުމަށް މިހާރު ފުލުހުން ކުރާ މަސައްކަތް އެތައްތަނަކުން ފަސޭހަވެގެންދާނެ ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މާލެ އާއި އަތޮޅު ތެރޭގައި ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ ނަތީއްޖާއެއްގެ ގޮތުން މިދިޔަ އަހަރު ރާއްޖޭގައި މަސްތުވާތަކެތި ފެތުރުނު މިންވަރު 39 ޕަސެންޓް ދަށްކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފާއިތުވެދި ތިން އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ރާއްޖޭގައި މަސްތުވާތަކެތި ދައުރުވި މިންވަރު 50 ޕަސެންޓް ދަށްކުރެވިފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.