04 Jul 2014, 12:06
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓްރޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގަިއ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށާއި ވައިގެ ޖެހޭނީ ހުޅަނގު އުތުރުން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ދެކުނުގެ އެކި ހިސާބްތަކަށް ގަޑިޔަކު 10 މޭލާ 18 މޭލާ ދެމެދުގެ މިންވަރަކަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ އެހެން ހިސާބުތަކަށް 15 މެއިލާއި 25 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ވިލާ ގަނޑުގައި ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވެ، ވައިބާރުވެ، ކަނޑުގަދަވެފައި ވާތީ ކަނޑު ދަތުރު ފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކަކުން ވެސް ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން ރޭ ވަނީ އިލްތިމާސްކޮށްފަ އެވެ. ފުލުހުން ބުނީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ރޭގަނޑުގެ ވަގުތުތަކުގައި ނުކުރުމަށާއި ރޭގަނޑުގެ ވަގުތުތަކުގައި ކަނޑު ދަތުރު ކުރައްވާއިރު މުވާޞަލާތީ ވަޞީލަތްތައް ބަރާބަރަށް ބޭނުންކުރައްވައި ސަލާމަތީ އެހެނިހެން ސާމާނު ހަމަކުރެއްވުމަށް އެދޭ ކަމަށެވެ.