ޗައިނާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ މިއަހަރުން ފެށިގެން އިތުރުވެގެންދާނެ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ވަންގް ފުކަންގް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ދެ ވަނަ ސިޓީ އަކަށް މޯލްޑިވިއަން އިން ދަތުރުތައް ފެށުމުން އިއްޔެ އެއާޕޯޓްގައި ބޭއްވި ހަފްލާއެއްގައި ސަންއަށް ދެއްވި އިންޓަވިއުއެއްގައި ޗައިނާގެ ސަފީރު ފުކަންގް ވިދާޅުވީ ޗައިނާއަކީ މިދިޔަ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ގައުމަށް ވާއިރު ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރުވެގެން ދާނެ ކަމަށެވެ.

"މިދިޔަ އަހަރު ގިނަ އަދަދެއްގެ ޗައިނާގެ ޓޫރިސްޓުން މި ވަނީ ރާއްޖެ ޒިޔާރަތްކޮށްފައި. ނަމަވެސް މިއީ އަދި އެންމެ ރަނގަޅު އަދަދެއް ނޫން، މި އަދަދު ދާނީ އިތުރުވަމުން،" ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޓޫރިޒަމް ދާއިރާ އާއި އޭވިއޭޝަން ދާއިރާގައި ވެސް ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ވެގެން ދާނެ ކަމަށެވެ.

ރާއްޖޭގެ ޗައިނާގެ ޓޫރިރިސްޓުންނަށް އެންމެ ކަމުދާ މަންޒިލް ކަމަށާއި އެހެން ކަމުން ކުރިއަށް އޮތްތަނުގައި ގިނަ ދަތުރުތަކެއް ދެ ގައުމުގެ ދެމެދުގައި ކުރެވިގެންދާނެ ކަމަށް އެމްބެސެޑަރު ފުކަންގް ވިދާޅުވި އެވެ.

ޗައިނާ އަކީ ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވެސް އެގައުމުން ރާއްޖެއަށް 141,249 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.