މި އަހަރުގެ ދިރާގު ދިވެހި ލީގުގައި ކްލަބު ވެލެންސިއާ ފުރަތަމަ ފަހަރަށް ހޯދި މޮޅާއެކު، އެ ޓީމު ގަދަ ހަތަރަކަށް އަރައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ބީޖީ ސްޕޯޓްސްއާ ވާދަކޮށް ވެލެންސިއާ މޮޅުވީ 2-1 ލަނޑުންނެވެ. މި މެޗަށް ނުކުތް އިރު، ލީގުގައި ފުރަތަމަ ކުޅުނު މެޗުން ވިކްޓަރީ އަތުން ވެލެންސިއާ އެއްވަރުވެ، ދެވަނަ މެޗުން އެ ޓީމު ވަނީ މާޒިޔާ އަތުން ބަލިވެފަ އެވެ. އަދި ބީޖީ ކުޅުނު ފުރަތަމަ މެޗުން މާޒިޔާ އަތުން އެއްވަރުވި އިރު، ދެވަނަ މެޗުން އީގަލްސް އަތުން ވަނީ ބަލިވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާ އަށް ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ވަނީ ލިބުނު ކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މެޗުގެ ފަސް ވަނަ މިނެޓްގައި ޔޫސުފް ރަމީޒަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. ހުސްކޮށް އޮވެ އޭނާ އުފެއްދި ހަމަލާ ދިޔައީ ބީޖީގެ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގައި ވެލެންސިއާ އަށް ލީޑު ލިބުނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ވެލެންސިއާގެ އަބްދުﷲ މުއާޒް ދިން ބޯޅައަކުން އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޔޫސުފް ރަމީޒެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ މި ލަނޑާއެކު ވެލެންސިއާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓް ފަހުން ވެލެންސިއާ އިން ލީޑު ފުޅާކުރި އެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކުރުމަށް ވެސް އެހީތެރިވި މުއާޒް ދިން ބޯޅައަކުން ބީޖީގެ ގޯލު ތެރެއަށް މި ބޯޅަ ފޮނުވާލީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު ރިލްވާނެވެ.

ބީޖީ އަށް ލީޑު ހަނިކުރުމަށް ފުރުސަތުތަކެއް ލިބުނު އިރު، އެ ޓީމަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑަކީ މެޗުގެ 77 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރެވުނު ލަނޑެކެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ނާވީ މުހައްމަދަށް އަހްމަދު ނިޝާން (ކާނޫ) ކުރި ފައުލަކާއި ގުޅިގެން ލިބުނު މި ޕެނަލްޓީ ބީޖީ އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަހްމަދު އަޝްފާނެވެ.

ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު މި ވަގުތު އެއްވަނައިގައި އޮތީ އީގަލްސް އެވެ. ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ދެވަނައިގައި އޮތް އިރު، ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ކުޅުނު ތިން މެޗުން ހަތަރު ވަނައިގައި އޮތް ވެލެންސިއާ އަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. މާޒިޔާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ލީގުގައި ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ އަލަށް ކޮލިފައިވި މަހިބަދޫ ސްޕޯޓްސް ކްލަބެވެ. ލީގުގެ ހަ ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި ހަތް ވަނައިގައި އޮތް ބީޖީ އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އަދި ލީގުގެ އެންމެ ފުލުގައި އޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ކުޅުނު ތިން މެޗުން އެ ޓީމަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ދިރާގު ދިވެހި ލީގުގެ މެޗެއް ދެން ކުޅޭނީ އަންނަ އާދީއްތަ ދުވަހު އެވެ. އާދީއްތަ ދުވަހުގެ ރޭ 10:00 ގައި ކުޅޭ މި މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ވިކްޓަރީ އެވެ.