އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރު ކަމުގެ ދެ މަޤާމަށް ޢައްޔަން ކުރެއްވުމަށް ހަތަރު ބޭފުޅެއްގެ ނަން ރައީސް އަބްދﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ބޭފުޅުންނަކީ ހުޅުމާލެ އެންދެރި ހަތެއް އަހްމަދު ސުލައިމާނާއި މ. ވޭވަށު ބުލްބުލާގޭ މުޙައްމަދު ޝަކީލާއި، އދ. ދެކުނުބުރީ މަހިބަދޫ ސަނޯރާމާގޭ ފާޠިމަތު މުނާއާއި، ދަފްތަރު ނަންބަރު 1548 މުޙައްމަދު ޒާހިދެވެ. މިނަންފުޅުތަކަކީ، ނިމިގެންދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކެވެ.

އިލެކްޝަންސް ކޮމިޝަނުން ދެ މެމްބަރުންގެ ގޮނޑި ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ފަޔާޒްގެ މަގާމު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. އެގޮތަށް ސްޕްރީމް ކޯޓުން ހުކުމް ކުރީ އެ ކޯޓުގެ ނިންމުންތަކަށް އެ ދެ ބޭފުޅުން ފާޑު ވިދާޅުވެ އެ ކޯޓުގެ ހުރުމަތް ކަނޑާލި ކަަމަށް ބުނެއެވެ.

ރައީސް ޔާމީން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅުންނަކީ، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ޢާންމުކޮށް އިޢުލާނު ކުރެއްވުމުން، އެ ކަމަށް އިޖާބަ ދެއްވި ބޭފުޅުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެކަމަށް އިޖާބަ ދެއްވި އެހެން ހުރިހާ ބޭފުޅުންގެ ނަންފުޅުތައް ވެސް، އިސީގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ. އެގޮތުން ޖުމްލަ 18 ބޭފުޅަކު މެންބަރުކަމަށް އެދިވަޑައިގެން، ނަން ހުށަހެޅުއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.