03 Jul 2014, 22:45
ކުރީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް މުހައްމަދު ނިޒާމް (ތޮއްޑޫ ނިޒާމް) ވެލެންސިއާ ކޮޅަށް ޖެހި ހަމަ އެކަނި ލަނޑުން ކޮކާ ކޯލާ ވެޓަރަރެންސް ކަޕް ގެ ފެށުން ސޮކާ ވެޓްރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސުން ރަނގަޅު ކޮށްފި އެވެ.
އެފްއޭއެމްގެ ލައިފްބޯއީ ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް މިއަދުގެ މެޗުގައި ވަނީ ލިބިފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވޫނީ ސޮކާ ވެޓްރަންސް އެސޯސިއޭޝަންގެ ލަނޑު ޖަހައިދިން މުހައްމަދު ނިޒާމް އެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގުރޫޕް އެކެއްގައި އީގަލްސް އާއި ބީޖީއާ އެކު ދެން ވާދަކުރަނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ވިކްޓަރީ އެވެ.
ގުރޫޕް ދޭއްގައި ދިވެހި ސިފައިންގެ ކްލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާއި ސޮކާ ވެޓްރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އިތުރުން ކްލަބް ވެލެންސިއާ އެވެ.
ލީގު އުސޫލުން ކުޅޭ އެއް ބުރަށް ފަހު، ދެ ގުރޫޕްގެ ވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމަށް ދެވަނަ ބުރުގެ ޖާގަ ލިބޭނެ އެވެ. ދެވަނަ ބުރުގެ ޖާގަ ދެން ލިބޭނީ ދެ ގުރޫޕުން ވެސް ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމަކަށެވެ. ފަސް ޓީމާ އެކު ލީގު އުސޫލުން ކުޅޭ ދެވަނަ ބުރުން، ސެމީ އަށް ދާނީ ގަދަ ހަތަރު ޓީމެވެ.
މުބާރާތުގައި މާދަމާ ހަވީރު 4:40 ގައި ބައްދަލުކުރާ ދެޓީމަކީ އީގަލްސް އާއި މަހިބަދޫ ސްޕޯޓްސް އެވެ.