ޕިލިޕްސް އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ރައީސް މުހައްމަދު ނަޝީދު ކުޅުއްވާ ހޭންގްއައުޓް ޓީމް ބަލިވެއްޖެ އެވެ. އެމަނިކުފާނު ކުޅުއްވާ ހޭންގް އައުޓުގެ މައްޗަށް ކުރި ހޯއްދެވީ ގެރެވި ޓީމެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުގައި މިއަދު ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗް ހެންގްއައުޓް އާއި ބައްދަލުކޮށް ގެރެވިޓީމް ކާމިޔާބުކުރީ 29 ލަނޑުންނެވެ. ދެ ވަަނަ މެޗް ބްރޫޗް އާއި ބައްދަލުކޮށް 106 ލަނޑުން ކާމިޔާބުކުރީ ސަންކުއިކްލިލީގެޓީމް އެވެ.

މިއަދުގެ ފުރަތަމަ މެޗް ގެރެވި ޓީމުން ކުޅެން އަރައި އަށް އޯވަރުގައި އެންމެ ކުޅުންތެރިއެއް ނުބަައިވެގެން 129 ލަނޑުހެދިއެވެ. އެެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑުހެދި ފައިސަލް އަބްދުއްސައްތާރާއި، ރިސްވާން އަދި 33 ލަނޑުހެދި އަލީ ވިސާމެވެ.

ޖަވާބުގައި ހެންގްއައުޓް ކުޅެންއަރައި އަށް އޯވަރުގެތެރޭގައި 100 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑުހެދި އަފްްޒަލް ފާއިޒާއި 19 ލަނޑު ހެދި އަލީ ނިޔާޒްއެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހަންމަދު ނަޝީދު ފަސް ލަނޑު އަދި ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސާލިހް (އިބޫ)އާއެކު ކޮންމެ ކުޅުންތެރިއެއް ފަސް ލަނޑު ހަދާފައި ރިޓަޔާ ކުރީ އެވެ.

ދެވަނަ މެޗް ސަންކުއިކް ލިލީ ކުޅެން އަރައި އަށް އޯވަރުގެތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 141 ލަނޑުހެދި އެވެ. ހަމްދާން ޖައުފަރު 32، އާރިފް ރިޒާ 33 ލަނޑުހެދި އެވެ. ޖަވާބުގައި ބްރޫޗް ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި 35 ލަނޑުހެދި އެވެ.

މި މުބާރާތުގައި މާދަމާގެ ފުރަތަމަ މެޗްގައި ހަވޜު 4:15 ގައި ބައްދަލުކުރާނީ މާޒިޔާއާއި ވައިޑީޕީ އަދި ދެވަނަމެޗްގައި ބައްދަލުކުރާނީ އޯލްއެޗް މޯލްޑިވްސާއި ހައިޑްސެވެ. މި ދެ މެޗްގެ ކުޅުން ކުރިއައް ދާނީ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގަ އެވެ.