ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވައަކާ ހަމައަށް ރޯދަ މަހުގައި ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލަން އަންގާފައި ވަނިކޮށް، ސްކޫލްތަކުގައި ކިޔަވައިދޭނަމަ އެކަން ހުއްޓުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު "ސަން" ވިދާޅުވީ، ސްކޫލްތައް މެދުކަނޑާލަން މިނިސްޓްރީން އަންގާފައިވަނިކޮށް، ބައެއް ސްކޫލްތަކުގައި ކިޔަވައިދޭ ކަމުގެ ރިޕޯޓްތައް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ ސްކޫލްތަކާއި މިނިސްޓްރީން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، ސްކޫލްތައް މެދުކަނޑާލާން އެންގި ނަމަވެސް، ކުދިންނަށް ކޮންމެހެން ބޭނުންވާ އެއްޗެހިތައް ކިޔަވައިދިނުމަށްޓަކައި އެކްސްޓްރާ ކްލާސްތައް ސްކޫލްތަކުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު ވިދާޅުވީ، އެ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ، ކިޔެވުމަށްދަށް ދަރިވަރުންނަށް ހާއްސަ ކްލާސްތަކެއް މިހާރު ސްކޫލުގައި ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން ހަފްތާއަކު އަށް ގަޑިއިރު އެކުދިންނަށް ސްކޫލުގައި އެކްސްޓްރާ ކްލާސްތައް ނަގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރ. އަލިފުށީ ސްކޫލުގެ ޕްރިންސިޕަލް ފަޔާޒް ވެސް ވިދާޅުވީ އެ ސްކޫލުގެ ދަރިވަރުންނަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާއެކު އެކްސްޓްރާ ކްލާސްތަކެއް ހިންގަމުންދާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނެފައި ވަނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވައަކާ ހަމައަށް ސްކޫލްތަކުގެ ކިޔެވުން ރޯދަ މަހަށް މެދުކަނޑާލަން ނިންމީ، ކުދިން ސްކޫލަށް ކުޑަ ވަގުތުކޮޅަކަށް ގެނައުމުން ރަނގަޅު ނަތީޖާތަކެއް ނުނެރެވޭނެ ކަަމަށް ފެންނާތީ ކަމަށެވެ.

އެ ނިންމުން ނިންމުމުގައި، ސްކޫލުތަކުގެ އިސްވެރިންނާއި ބެލެނިވެރިންނާއި މަޝްވަރާ ކުރި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.