03 Jul 2014, 17:54
ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗެއްސަށް އުނދަގޫވާ ގޮތަށް ލޯކަލް މާރުކޭޓް ސަރަހައްދާ ދިމާލުން މަގުމަތީގައި ބަހައްޓާފައި ހުރި 200 އަށް ވުރެ ގިނަ ތޮއްޑޫ ކަރާ ޓޯޔާޑަށް ގެންގޮސްފި އެވެ.
އެ ކަރާތަކަކީ އއ. ތޮއްޑޫއިން މާލެއަށް މިއަދު ގެނައި 90 ޓަނުގެ ކަރާގެ ތެރެއިން، ލޯކަލް މާރުކޭޓު ބޭރު ސަރަހައްދު ފުރިގެން މަގުމަތީގައި ބެހެއްޓި ކަރާތަކެކެވެ. އެ ކަރާތައް މާލެ ގެނައި ދޯނީގެ، އޮޑިވެރިޔާ "ސަން"އަށް މިއަދު ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަރާތަކަކީ 2000 ކިލޯގެ ކަރާ ކަމަށެވެ. އެ ކަރާތަކުގެ އަގު 30،000 ރުފިޔާއަށް އަރާނެ ކަމަށް އޭނާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ލޯކަލް މާރުކޭޓު ސަރަހައްދުގައި މަގުމައްޗަށްވާ ގޮތަށް ބަހައްޓާފައި ހުރި 70 ގޯނީގެ ކަރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ޓޯޔާޑަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެ ވެރިފަރާތުން އެ އެއްޗެހި ބަލާ އައުމާއެކު އެ މީހާއަށް އެ ކަރާތައް ހަވާލު ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ އެއްޗެހި އަޅުގަނޑުމެން ދާނީ ނަގަމުން. އާންމުންނަށް އުނދަގޫވާ ގޮތަށް މަގުމަތީގައި ބަހައްޓާ އެއްޗެހި އަޅުގަނޑުމެން ދާނި ނަގަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކަރާ އުފެއްދުމުގައި ނަންމަޝްހޫރު ތޮއްޑޫއިން މިއަދު މޭލެއަށް 90 ޓަނުގެ ކަރާ ގެނައީ ތިން ދޯނީގަ އެވެ. ތޮއްޑޫގައި މިއަހަރު ކަރާ ހެއްދުމަށް 132 ދަނޑު ވަނީ ދޫކޮށްފަ އެވެ. ތޮއްޑޫ ދަނޑުވެރިން ބުނާ ގޮތުން މި ރޯދަ މަހު ރެކޯޑު މިންވަރަކަށް ރަށުން ކަރާ ބޭރުކުރެވޭނެ ކަމަށެވެ. އެގޮތުން މިފަހަރު ގާތްގަނޑަކަށް 582،000 ކިލޯގެ ކަރާ މާލެ ގެނެވޭނެ ކަމަށް ތޮއްޑޫ ދަނޑުވެރިން ބުނެ އެވެ.