ކޮރެއާގެ ބުސާންގައި މިމަހު 2-4އަށް ކުރިއަށް ގެންދާ 'ބުސާން އިންޓަރނޭޝަނަލް ސީފުޑް އެންޑް ފިޝަރީޒް އެކްސްޕޯ 2014' ގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ގެ ފަރާތުން ބައިވެރި ވެއްޖެ އެވެ.

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ބުނީ، 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ ކޮރެޔާގެ އެންމެބޮޑު ސީފުޑް ޓްރޭޑް ޝޯގައި ރާއްޖޭގެ ފަރާތުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއީލް ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

ކޫއްޑު ފިޝަރީޒް މޯލްޑިވްސް އިން މިއަދު ބުނީ، 700 ސްޓޯލްއާ އެކު ހުޅުވުނު އެ އެކްސްޕޯގައި ދުނިޔޭގެ އެކި ގައުމުތަކުން 350 ކުންފުނިން އެ ކުންފުނިތަކުގެ އުފެއްދުންތައް ބައިވެރިކޮށްފައިވާ އިރު ރާއްޖެ ތަމްސީލުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ އެއްބާރު ލުމާއެކު އެ ކުންފުނިން ބައިވެރި ވުމުން ރާއްޖޭގެ މަސްވެރިންނަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތައް ބޮޑު ފައިދާއެއް ކުރާނެކަމަށް ގަބޫލުކުރާ ކަމަށެވެ.

"މި ސްޓޯލްގައި ރާއްޖޭގައި މަސްވެރިންކުރާ ގޮތާއިބެހޭ މަޢުލޫމާތާއި ކޫއްޑޫގެ އުފެއްދުންތައް ދެއްކުމަށް ބެހެއްޓިފައިވޭ. ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރާއްޖޭގައި މަސްވެރިކަން ކުރާގޮތުގެ މަޢުލޫމާތު ހިމެނޭ ލީފްލެޓް ހަދިޔާކުރެވިފައިވޭ،" ކޫއްޑު ފިޝަރީޒް މޯލްޑިވްސް އިން ބުންޏެވެ.

ކޫއްޑޫ ފިޝަރީޒް މޯލްޑްވްސްއިން ބުނީ، ކޮރެއާގައި ކުރިއަށްދާ އެކސްޕޯގައި އެ ކުންފުނީގެ ފަރާތުން ދަނީ "ރާއްޖެއަށް ހާސް ދޮށީގެ މަސްވެރިކަމާ ބެހެ މައުލޫމާތު" ސްޓޯލްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދެމުން ކަމަށެވެ.

"މިގޮތަށް މި މަސްވެރިކަންކުރަނީ ހަމައެކަނި ރާއްޖޭގައިކަމަށް ވުމާއެކު، ރާއްޖެއަށް ބާނާ މަހަކީ ފެންވަރު ރަނގަޅު، ކޮލިޓީ ވެސް ރަގަޅު މަސް ކަމަށް ވުމާއެކު މި މަހަށް ރަގަނޅު އަގު ވެސް ލިބެންވާނެކަމަށް ވަކާލާތުކޮށް މިކަން ދުނިޔޭގެ މަސްގަންނަ ކުންފުނިތަކަށް އަންގައިދީ ޕްރޮމޯޓް ކުރުމަށް މި އެކްޕޯގައި ވެސް ގިނަ މަސައްކަތްތަކެއް ކުރެވޭ،" އިތުރު ފަރާތްތަކަށް ރާއްޖޭގެ މަސްވެރިކަން މާކެޓް ކުރުމުގެ ސަބަބުން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ފާހަގަ ކުރަމުން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ބުންޏެވެ.