03 Jul 2014, 16:32
ނޭޕާލުގެ ވެރި ރަށް ކަތަމަންޑޫގައި ސުލްހަވެރިކަމާ އެކު އިހްތިޖާޖު ކުރުމަށް ތިބި 45 ނޫސްވެރިއަކު ހައްޔަރުކޮށް ހަތް ގަޑި އިރު އެގަމުގެ ފުލުހުން ހިފަހައްޓާފައިވާކަމަށާއި އެކަމަކީ އެމީހުންގެ ހައްގުތަކަށް އަރައިގަތުން ފަދަ ކަމެއްކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް(އައިއެފްޖޭ) އިން ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހު ނޭޕާލުގެ ނޫސްވެރިން އިހްތިޖާޖުކޮށްފައި ވަނީ މީޑިއާ ތަކުން ޕަބްލިކް ވެލްފެއާއަށް ކުރާ އިސްތިހާރުތަކަށް ލިބެންޖެހޭ ފައިސާ ސަރުކާރުގެ ފަރާތުން އެމީޑިއާތަކަށް ދިނުމަށް ސަރުކާރަށް ގޮވާލުމުގެ ގޮތުންނެވެ.
އައިއެފްޖޭގެ ބަޔާނުގައި ބުނެފައި ވަނީ ނޫސްވެރިންގެ ދިރިއުޅުން ކުރިއަށް ގެންދެވޭނީ އެމީހުންނަށް ލިބޭ އާމްދަނީ އަކުން ކަމަށާއި ޕަބްލިކް ވެލްފެއާއަށް ކުރެވޭ އިސްތިހާރުތަކުގެ ފައިސާ މީޑިއާތަކަށް ނުދިނުމަކީ އޭގެ ސަބަބުން އެގައުމުގެ ނޫސްވެރިންނަށް އެތަކެއް ތަކުލީފުތަކަކާއި ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށެވެ.
"މީޑިއާތަކާއި އެތަންތަނުގައި މަސައްކަތްކުރާ ނޫސްވެރިންގެ ދިރިއުޅުން ދެމެހެއްޓޭނީ އެމީހުނަށް ލިބޭ އާމްދަނީއަކުން . ނަމަވެސް މީގެ އެއް އަހަރު ކުރިން އެއްބަސްވެފައި އޮތްގޮތައް ޕަބްލިކް ވެލްފެއާއަށް ކުރެވޭ އިސްތިހާރުތަކުގެ ފައިސާ އެކަން ކުރާ މީޑިއާތަކަށް ނުދިނުމަކީ ނެޕާލުގެ ނޫސްވެރިންގެ މިނިވަންކަން ނިގުޅައިގަނެ އޭގެ ސަބަބުން އެތަކެއް ތަކުލީފުތަކަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ،" އައިއެފްޖީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ނޫސްވެރިން ދޫކޮށްލުމުގެ ކުރިން އައިއެފްޖޭ އާއި ފެޑެރޭޝަން އޮފް ނޭޕާލީ ޖާނަލިސްޓުން ގުޅިގެން ވަނީ ނޭޕާލްގެ މިނިސްޓަރް އޮފް އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ޑރ. މިނެންދްރާ ރިޖާލް އާއި ފައިނޭންސް މިނިސްޓަރު ޑރ. ރާމް ޝަރަން އާއި ބައްދަލުކޮށް އެ ނޫސްވެރިން ދޫކޮށްލުމަށް އެދިފައެވެ.
ނޭޕާލުގެ ސަރުކާރުން މިދިޔަ އަހަރުގެ އޮގަސްޓް މަހު އެއްބަސްވި ގޮތުގެ މަތިން އެބާވަތުގެ އިސްތިހާރުތައް ދައްކާ މީޑިއާތަކަށް ދޭން ނިންމައިފައިވާ ފައިސާ އެއެއްބަސްވުމުގައި ވާގޮތަށް ދިނުމަށް ވެސް އައިއެފްޖޭ އިން ވަނީ ގޮވާލައިފަ އެވެ.