ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް 2010 ވަނަ އަހަރު އިތުރުގަޑީގެ ފައިސާގެ ގޮތުގައި ދީފައިވާ 14.9 މިލިއަން ރުފިޔާގެ ތެރެއިން 5.2 މިލިއަން ރުފިޔާ ޚަރަދު ކުރުމުގައި ކޮރަޕްޝަންގެ އެއްވެސް ކުށެއް އެކުލެވިގެން ނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ ތަހުގީގަށްފަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޖުޑިޝަރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ޖުޑިޝަރީން އެ އަހަރު މުއައްޒަފުންގެ އިތުރު ގަޑީގެ ފައިސާއަށް ދީފައިވާ 14.9 މިލިއަން ރުފިޔާގެ ތެރެއިން 5.2 މިލިއަން ރުފިޔާއަކީ ދައުލަތުން އިތުރުގަޑީގެ ފައިސާ ދިނުމުގައި އާންމުކޮށް އަމަލުކުރާ އުސޫލާ ޚިލާފަށް ޖުޑިޝަރީން އަމަލު ކުރުމުގެ ސަބަބުން ދެވިފައިވާ ފައިސާކަމަށް ފާހަގަކޮށްފައި ވީނަމަވެސް އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އިތުރުގަޑި ހިސާބުކުރުމުގައި މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރު ބަލާނެ ގޮތް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަމާ ބެހޭގޮތުން ކޯޓުތަކުން އަމަލު ކުރަމުންދަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން 15 ފެބްރުއަރީ 2009 ވަނަ ދުވަހު ނެރެފައިވާ ސާކިއުލާއަކާ އެއްގޮތަށް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.