03 Jul 2014, 16:04
މީޑިއާނެޓުގެ ޕެކޭޖުގައި ރާއްޖޭގެ ޓީވީ ޗެނަލްތައް ހިމެނުމަށް ގަވާއިދާ ޚިލާފަށް ފީ ނަގަމުން އަންނަ ކަމުގެ މައުލޫމާތު ލިބިވަޑައިގަތީ މިއަދު ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަން އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީބު ވިދާޅުވީ ބްރޯޑްކާސްޓަރުންގެ އަތުން ގަވާއިދާ ޚިލާފަށް މީޑިއާ ނެޓުން ފީއެއް ނަގަމުން އަންނަ ކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިވަޑައިގަތީ މިއަދު ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ހޯދުމަށް ބްރޯޑްކާސްޓަރުންނަށް މިއަދު ސިޓީއެއް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
"މިއަދު ބްރޯޑުކާސްޓަރުންނަށް ސިޓީއެއް ފޮނުވާލާނެ އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާ ކޮށްލެއްވުމަށް. ބްރޯޑުކާސްޓަރުން އަޅުގަނޑުމެންނަށް އެ މައުލޫމާތު ހިއްސާކުރެއްވީމާ އަޅުގަނޑުމެންނަށް އެކަންތައްތަކުގައި އެހީތެރިވެވޭނީ،" ޝަހީބު ވިދާޅުވި އެވެ.
ރީ ބްރޯޑްކާސްޓު ކުރުމުގެ ގަވާއިދު ބުނާ ގޮތުން އެއްވެސް ފީއެއް ނެގޭނީ އެ ކޮމިޝަނަށް ހުށަހަޅައި ފާސްކޮށްގެން ކަމަށާއި ނަމަވެސް މިހާތަނަށް މީޑިއާނެޓުން އެފަދަ ފީއެއް ނެގުމަށް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބެލި ބެލުމުން މިހާތަނަށް އެފަދަ ފީއެއް ކޮމިޝަނަށް ހުށަހަޅައިގެން ފާސްކޮށްފައެއް ނެތް. މީޑިއާ ނެޓުން އެގޮތަށް ހުށަހަޅައި ފާސްކޮށްފައެއް ނެތް،" ޝަހީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމިޝަނަށް ހުށަހަޅައި ފާސްކޮށްގެން ނޫންގޮތަކަށް އެފަދަ ފީއެއް ނުނެގުމަށް މިއަދު މީޑިއާ ނެޓަށް އެންގުމަށް ނިންމާފައިވާނެ ކަމަށެވެ.
ގިނަ ބްރޯޑްކާސްޓަރުންތަކެއް ވެގެން އިއްޔެ އުފެއްދި ލޮބީ ގްރޫޕުން ބުނީ މީޑިއާ ނެޓްގެ ކެބަލް މެދުވެރިކޮށް ޗެނަލްތައް ދެއްކުމަށް، ކޮންމެ ޗެނަލަކަށް މަހަކު 40،000 ރުފިޔާ ނަގާ ކަމަށާއި އެ އަދަދު 80،000 ރުފިޔާ އަށް މިހާރު ބޮޑުކުރުމުން އަންނަ ކަމަށެވެ. އަދި އެ ހަރަދު މީޑިއާތަކުން ކުރާ އިރު ލޯކަލް ޗެނަލްތައް ކޭބަލް މެދުވެރިކޮށް ބެލުމަށް އާންމުން ވެސް އަގުދައްކަން ޖެހޭ ކަމަށް އެެ ގްރޫޕުން ބުންޏެވެ.
ފީފާ ވާލްޑްކަޕް 2014ގެ ރައިޓްސް ރާއްޖެ އިން ނަގާފައިވާ ކަމަށް އެ ކޮމިޝަނަށް މިހާތަނަށް އަންގާފައި ވަނީ ޓީވީއެމް ހިންގާ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަނުންނާއި ވީޓީވީ ހިންގާ އައިލަންޑް ބްރޯޑްކާސްޓިންގް ކޮމްޕެނީ އިން އެކަނި ކަމަށް ކޮމިޝަނުން ބުންޏެވެ. ނަމަވެސް "އައިސް ޓީވީ"އިންނާއި މީޑިއާނެޓުން ވާލްޑްކަޕް ދެއްކުމާ ބެހޭ މައްސަލަ އެ ކޮމިޝަނަށް ފާހަގަވެގެން މިހާރު މިދަނީ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ ލިސްޓެޑް އިވެންޓްސްގެ ރައިޓްސް ގަވާއިދުގެ ތަރަހައިގެ ތެރެއިން ހޯދުމަކީ ހުރިހާ ބްރޯޑްކާސްޓަރުންނާއި ރީ ބްރޯޑްކާސްޓަރުންނަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި އެހެންކަމުން އެ ރައިޓްސް ހޯދާ ފަރާތަކުން ސްޕޮންސަރުންނަށް އެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ރައިޓްސް ހޯދާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ހުއްދަ ނުހޯދާ ބަޔަކު ރާއްޖޭގެ ވައިގެ ސަރަހައްދުގައި ރީ ބްރޯޑްކާސްޓް ކުރާ އިރު އެކަން ނުހުއްޓުވާ މައްސަލައާ ބެހޭ ގޮތުން ކޮމިޝަނުން އެއްޗެއް ނުބުނެ އެވެ.
ރާއްްޖޭގައި ވޯލްޑްކަޕް ދެއްކުމަށް ރައިޓްސް ނެގި ދިވެހި ޓީވީތަކުން ވަނީ މިލިއަނުން ހަރަދުކޮށްފަ އެވެ. އަދި އެ ކަމަށް ސޮޕޮންސަރުން ވަނީ ބޮޑެތި ހަރަދުތަކެއްކޮށްފަ އެވެ.