03 Jul 2014, 15:43
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޗައިނާގެ އާ މަންޒިލަކަށް ދަތުރުތައް ފަށައިފި އެވެ.
ދެ ވަނަ ސިޓީ އަކަށް މޯލްޑިވިއަން އިން ދަތުރުތައް ފަށާފައިވާ ސިޓީ އަކީ ޗައިނާގެ ވޫހާން އެވެ. އެސިޓީ އިން ރާއްޖެ އައި މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް ރާއްޖެ އައިސް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައި ވަނީ މިއަދު މެންދުރު 13:56 ގަ އެވެ.
އެއާޕޯޓްގައި ހުންނަވައި ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ އަބްދުލް ހާރިސް ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި އެ ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއްކޮށް ޗައިނާ ޓޫރިސްޓުން ރާއްޖެ ގެނެވޭ މިންވަރު އިތުރުވެގެން ދާނެ ކަމަށެވެ.
"މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް އަޅުގަނޑު ގަބޫލް ކުރަނީ، އެއީ އިރާދަކުރެއްވީތީ މިއަދުގެ ފުލައިޓް ވެސް ފުލްކޮށް މިއައީ،" ހާރިޝް ވިދާޅުވި އެވެ.
ހާރިޝް އިތުރަށް ވިދާޅުވީ އެ ސިޓީ އަށް ކޮންމެ ހަ ދުވަހަކުން އެއް ދަތުރު މޯލްޑިވިއަންގެ ފްލައިޓެއް ދަތުރު ކުރާނެ ކަމަށެވެ.
އެދަތުރުތަކާ ގުޅޭ ގޮތުން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ އެމްބެސެޑަރު ވަންގް ފުކަންގް ވިދާޅުވީ ޗައިނާގެ ދެ ސިޓީއަކުން ރާއްޖެ އަށް ޓޫރިސްޓުން އައުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ނިސްބަތް ކުރިއަށް އޮތްތަނުގައި ވެސް އިތުރުވެގެން ދާނެ ކަމަށެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާ އަށް ކުރަނީ މޯލްޑިވިއަންގެ އެއާބަސް ފްލައިޓުންނެވެ. އެ ފްލައިޓްގައި ބިޒްންސް ކުލާސް 14 ސީޓް، އިކޮނިމީ ޕްރިމިއަމް 18 ސީޓް އަދި އިކޮނޮމީ 120 ކްލާސް ހިމެނެ އެވެ.
ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މޯލްޑިވިއަން އިން ޗައިނާގެ ހަތަރު ވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީ، ޗިންޗޮން ސިޓީއަށް ދަތުރުތައް ކުރާތާ މިހާރު ދޮޅު އަހަރެއްހާ ދުވަސް ވެއްޖެ އެވެ.