03 Jul 2014, 15:17
ނ. ކެނދިކުޅުދޫ ކައުންސިލްގެ ބައި އިލެކްޝަނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އަންނަ އޯގަސްޓް 16 ވަނަ ދުވަހު ބާއްވާ ކެނދިކުޅުދޫ ކައުންސިލްގެ ބައި އިލެކްޝަނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓް ކޮށްފައިވާ ކަމަށެވެ. އިލެކްޝަނުން ބުނީ އެ ލިސްޓު ކެނދިކުޅުދޫ ކައުންސިލުން ވެސް ފެންނަން ހުންނާނެ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ގެޒެޓް ކޮށްފައިވާ ލިސްޓަށް ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމުން އެކޮމިޝަނަށް ހުށަހަޅައިގެން ނުވަތަ ކެނދިކުޅުދޫ ކައުންސިލް އިދާރާއަށެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ކޮންމެ ބަންދު ނޫން ދުވަހެއްގެ 10:00 އިން 2:00 އަށް ވަނީ ހުޅުވާލާފަ އެވެ.
ކެނދިކުޅުދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލްގައި ހިމެނިވަޑައިގެންނެވި އިބްރާހިމް ޒަމީރު ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. މިހާރު ކެނދިކުޅުދޫ ކައުންސިލްގައި ތިއްބެވީ އެމްޑީޕީގެ ހަތަރު މެމްބަރުންނެވެ.