03 Jul 2014, 15:14
މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިރަލްހުމާއި އަރިދަފުސް ރޯގާގެ އިތުރުން ބޭރަން ހިންގުމާއި އަދި ޑެންގީހުން ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ހެލްތު އެލާޓް ނެރެފި އެވެ.
އެ އެޖްންސީން މިއަދު ނެރުނު ހެލްތު އެލާޓްގައި ބުނެފައި ވަނީ ވައިރަލް ހުން ޖެހިގެން މިދުވަސްވަރު އެވްރެޖްކޮށް ހަފްތާއަކު 1600 މައްސަލަ ރިޕޯޓްކުރާ ކަމަށާއި އަރިދަފުސް ރޯގާ ޖެހިގެން މިދުވަސްވަރު އެވްރެޖްކޮށް ހަފްތާއަކު 2000 މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ޑެންގީ ހުން ޖެހިގެން ވޭތުވެ ދިޔަ ދެ ގަފްތާތެރޭގައި އެވްރެޖްކޮށް 20 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި މިހާރު ފެތުރެމުންދާ ރޯގާ އަކީ އާދައިގެ ރޯގާއަށް ވުރެ ގަދަ ރޯގާއެއްކަން އެޖެންސީން ފާހަގަ ކުރެ އެވެ.
އަރިދަފުސްރޯގާ އަދި ވައިރަލް ހުމަކީ އެކެއްގެ ގައިން އަނެކަކުގެ ގަޔަށް ފަސޭހައިން އަރާ ބައްޔަކަށް ވާތީ ބަލިތަކުން ރައްކާތެރިވުމަށް އަމަލުކުރެވިދާގެ ގޮތްތަކުގެ އިރުޝާދު އެ އެޖެންސީން ވަނީ ދީފަ އެވެ. އެގޮތުން ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއެއް ނުވަތަ ރުމާލެއް ބޭނުންކޮށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮންނަން އެ އެޖެންސީން އިރުޝާދު ދެއެވެ. އަދި ރޯގާޖެހި ހުންނަ އަންނަނަމަ ގިނައިން ދިޔާތަކެތި ބޭނުންކޮށް ހުންގަދަ ނަމަ ގައިގައި ފެން ހާކާ ހުންއައިސްގެން ތިން ދުވަހަށް ވުރެ އިތުރުވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެ އެޖެންސީން އެދެ އެވެ.
މިދުވަސްވަރަކީ އާންމުކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ދުވަސްވަރަކަށް ވާތީ މަދިރި އާލާވެ ޑެންގީހުން ފެތުރޭ މިންވަރު އިތުރު ވެދާނެ ކަމަށް އެ އެޖެންސީން ލަފާކުރެ އެވެ. އެހެންކަމުން އާންމު ހުރިހާ ރައްޔިތުންނާއި ކައުންސިލްތަކާއި ސިއްހީ މަރުކަޒުތަކާއި އަމިއްލަ ޖަމާއަތްތަށް ގުޅިގެން ހުރިހާ ރަށެއްގައި ވެސް މަދިރި އާލާވާނެ ފަދަ ގޮތްގޮތަށް ހުންނަ ހުރިހާ ތަނެއް ނައްތާލަން ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން އެދެ އެވެ.
އޭގެ އިތުރުން ބޭރަށް ހިންގުމަކީ އާންމުކޮށް ކާބޯތަކެއްޗާއި ފެނުގެ ޒަރީއާއިން ފެތުރޭ ބައްޔެއްކަމުން މި ދުވަސްވަރަކީ ރަމަޟާން މަހަށް ވުމާ އެކު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް އެ އެޖްންސީން ބުނެ އެވެ. އެގޮތުން ކާބޯތަކެތި މެހި ނުޖައްސާހެން ބެހެއްޓުމާއި ބޯން ބޭނުންކުރާ ފެން ކްލޮރިނޭޓް ކޮށްގެން ނުވަތަ ކައްކައިގެން ބުއިމާއި ވާރޭފެން ނަގާ ނަމަ ފުރާޅު ސާފުކޮށްފައި ބެހެންޓުމާއި ރަށުތެރެ އަދި ގޯތިތެރޭގައި ކުނި ޖަމާވިޔަ ނުދިނުމަށް އެ އެޖެންސީން ލަފާ އަރުވަ އެވެ.
ބޭރަށް ހިންގުމުގެ ތެރޭގައި ކުޑަކަމު ދިއުމާއި ދާހިއްލުން މަދުވެ ބޮލުގައި ރިއްސުމާއި ބޯ އެންބުރުން އަދި ހިތުގެތެޅުން އަވަސްވުމުގެ އިތުރުން ކަރުހިއްކުމާއި އެކު ވަރުބަލިވެ ގައިގެ ވަރު ދެރަވުން ފަދަ އަލާމާތް ތަކުން އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެ އެޖެންސީން ލަފާ އަރުވަ އެވެ.