ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ އިތުރު ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި އެ ކެންޑިޑޭޓަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރެނު އިއުލާނުގައިވާ ގޮތުގައި ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ކެންޑިޑޭޓަކީ ރ.އިންނަމާދޫ ރަށު ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާފައިވާ އެ ރަށު ފިނިވާގޭ، އިބްރާހިމް ޚަލީމެވެ.

އިންނަމާދޫގެ ރަށު ކައުންސިލަށް ވާދަކުރާ އެމްޑީޕީގެ ފަސް ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ އިބްރާހިމް ޚަލީމްގެ ކެންޑިޑެސީ ބާތިލުކުރީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަނުވާ ކަމަށް ނޭޝަނަލް ކޮމްޕްލެއިންޓްސް ބިއުރޯ އިން ކޮމިޝަނަށް ހުށަހަޅާފައިވާތީ ކަަމަށް އިލެކްޝަންސް ކޮމިޝަނުގެ އިއުލާނުގައިވެ އެވެ.
މިއީ ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި އެމްޑީޕީގެ ދެވަނަ ކެންޑިޑޭޓެވެ. އިލެކްޝަނުން ދާދިފަހުން ވަނީ އއ.ހިމަންދޫ ރަށު ކައުންސިލަށް ކުރިމަތިލީ އެރަށު ޖަވާހިރުވާދީ އަސީތު ތައުފީގުގެ ކެންޑިޑެސީ ވެސް ބާތިލުކޮށްފަ އެވެ.
އެމްޑީޕީން އިންތިހާބަށް ނެރުނީ 944 ކެންޑިޑޭޓުންނެވެ.
އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިލެކްޝަންސް އިން އިއުލާންކުރި 2775 ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި ކެންޑިޑޭޓުންގެ އަދަދު މިހާރު ވަނީ 13 އަށް އަރައިފަ އެވެ.