03 Jul 2014, 15:11
ކުދި ޖަޒީރާ ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީ އަށް ބައިނަލްއަގުވާމީ މުޖުތަމަޢުން އިތުރު ސަމާލުކަން ދިނުމަށް ދިވެހިރާއްޖެ އިން ގޮވާލައިފި އެވެ.
އދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމް (ޔުނެޕް)ގެ ފަރާތުން އިންތިޒާމުކޮށްގެން ނައިރޯބީގައި ބޭއްވި "ފަސްޓް ސެޝަން އޮފް ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީ"ގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދު ވިދާޅުވީ ކުދި ގައުމުތަކުގެ މައްސަލަތަކަށް ބައިނަލްއަގުވާމީ މުޖުތަމައުންދޭ އަހައްމިއްޔަތާ މެދު ސުވާލު އުފެދޭ ކަމަށާއި ކުދި ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށް އިތުރު ސަމާލުކަން ދިނުމަށް ގޮވާލައްވާ ކަމަށެވެ.
އެ މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ސްޓޭޓް މިނިސްޓަރާ ހަވާލާ ދެއްވައި ބުނީ އަންނަ ސެޕްޓެމްބަރު މަހު ސަމޯއާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ތާޑް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް"ގެ ފުރަތަމަ މަހާސިންތާ އަށް ފަހު ވޭތިވެ ދިޔަ 20 އަހަރުގެ ތެރޭގައި ހޯދުނު ކުރިއެރުންތަކާއި ފޭލިވީ ކަންތަކުގެ މައްޗަށް ބަލާލުން މުހިއްމު ކަމަށެވެ.
ތަރައްގީ އަށް ދިވެހިރާއްޖެ އިންދޭ އަހައްމިޔަތާއި އަދި ތިމާވެށީގެ ނާޒުކުކަމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް މަޖިީދު ފާގަހަކުރެއްވި ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އަދި "މިލީނިއަމް ޑިވެލޮޕްމަންޓް ގޯލްސް" އަށް މަސައްކަތްކުރާ ސައުތު އޭޝިޔާ ސަރަޙައްދުގައި މި ދާއިރާ އިން އެންމެ ގިނަ ކުރިއެރުން ހޯދާފައިވާ ގައުމަކީ ރާއްޖެ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ރާއްޖެ އިން އެ ގޯލްގެ އަށް ލަނޑުދަނޑީގެ ތެރެއިން ފަސް ޓާގެޓް ހާސިލުކޮށްފައިވާ ކަމަށެވެ.