ލަންކާގެ ހައްދުފަހަނައަޅާފައިވާ ބުޑިސްޓް ޖަމާއަތެއް ކަމަށްވާ ބޮޑު ބަލަ ސޭނާ (ބީބީއެސް)ގެ ލީޑަރު ގަލަގޮޑާއްތޭ ގްނަނަސަރަ އަށް އެމެރިކާ އިން ކުރިން ދީފައިވާ ފަސް އަހަރު ދުވަހުގެ ވިސާ ކެންސަލްކޮށްފިކަމަށް އެޖަމާއަތުން ބުނެފި އެވެ.

ނޫސްއެޖެންސީ ރޮއިޓާސް އަށް މައުލޫމާމާތު ދެމުން ބީބީއެސްގެ ސްޕޯކްސްޕާސަން ޑިލަންތާ ވިތަންގޭ ބުނީ ގްނަނަސަރައަށް އެމެރިކާ އިން ކުރިން ދީފައިވާ ވިސާގެ ދަށުން ދެން އޭނާއަށް އެމެރިކާއަށް ނުދެވޭނެ ކަމަށެވެ.

އެމެރިކާ އިން ދީފައިވާ ފަސް އަހަރުގެ ވިސާއަކީ ބޮޑު ބަލަ ސޭނާ ޖަމާއަތް ނުއުފެއްދެނީސް 2012 ވަނަ އަހަރު އޭނާ އަށް ދީފައިވާ ވިސާއެއްކަމަށްވެ އެވެ. އަދި އެވިސާ ކެންސަލްވުމާ ގުޅިގެން ފޭސްބުކްގެ ފަރާތުން އެޖަމިއްޔާގެ އޮފިޝަލް ފޭސްބުކް ޕޭޖާއި އެ ޖަމިއްޔާގެ އިސް މެމްބަރުންގެ ފޭސްބުކް ޕޭޖްތައް ނަގާފައިކަމަށް ލަންކާގެ ނޫސްތަކުން ބުނެ އެވެ.

ގަލަގޮޑާއްތޭ ގްނަނަސަރަ އަކީ އާންމުނަށް ހާމަވާ ގޮތައް މުސްލިމުންނާއި ދެކޮޅަށް ވާހަކަދައްކައި ސިންހަޅަ މީހުންގެ ހިތްތަކުގައި މުސްލިމުންނާއި ދެކޮޅަށް ނަފްރަތު އުފައްދަން ފާޅުގައި މަސައްކަތްކުރަމުން އައި ބުޑިސްޓް ހާމުދުރެކެވެ.