03 Jul 2014, 12:01
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީސް ފަޅާލައި އެ އޮފީހުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ގ. ނީލާވިލާގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި ރައީސް ނަޝީދުގެ އޮފީސް ފަޅާލައި ވައްކަންކޮށްފައި ވަނީ ރޭ ފަތިހު 4:00 އެހާކަންހާއިރު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައި ވަނީ ގ. ކެނަރީގޭ ބްލޮކްގައި ހުންނަ ފިޔާތޮށިގޭ އިންފާރުމަތީގައި ހުއްޓައި ކަމަށެވެ.
އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ރައީސް ނަޝީދުގެ އޮފީހުގައި ސެކިއުރިޓީއެއް ނުހުންނާނެ ކަމަށެވެ. ނަމަވެސް އެތަނުގެ ހުރިހާ ތަނެއް ވެސް ބަހައްޓާފައި ހުންނާނީ ތަޅުލާފައި ކަމަށެވެ. ނަމަވެސް އެ އޮފީހުން ގެއްލިފައިވާ ތަކެތީގެ ޑީޓެއިލްސްއެއް އޮފިޝަލު ވިދާޅެއްނުވެ އެވެ.
އެމްޑީޕީގެ އޮފިޝަލް ވިދާޅުވީ މިއީ އެ އޮފީސް ފަޅާލި ދެ ވަނަ ފަހަރު ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ އެ ސަރަހައްދުން ހައްޔަރުކުރި މީހާ ބަލައި ފާސްކުރި އިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މައުސްއަކާއި ޕްރިންޓަރެއްގެ އިތުރުން ވޮލެޓެއް އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ވައްކަން ކުރުމަށް ބޭނުންކުރެވިދާނެ ބައެއް އާލާތްތައް ވެސް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އަދި އެ ސަރަހައްދު ބަލައި ފާސްކުރި އިރު ނީލާވިލާގެ ފުރަތަމަ ފަންގިފިލާގައި ހުރި ރައީސް ނަޝީދުގެ އޮފީހަށް ވަދެފައި ވަނީ އެ އޮފީހުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ވައްކަމުގެ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާއަކީ ތަފާތު ތިން މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި އޭނާ އަކީ ތަންތަން ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
ރޯދަމަހާ ގުޅިގެން މާލެތެރޭގައި ކުރާ ވައްކަންތައް އިތުރުވެފައިވާ އިރު، އެ މައްސަލަތަކުގައި ހައްޔަރުކުރާ ގިނަ މީހުންނަކީ ތަކުރާރުކޮށް ވައްކަން ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންނެވެ. ރޯދަމަހު ކުރާ ވައްކަންތައް އަބަދު ވެސް އިތުރުވަމުން ދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ މީގެ ކުރިން ވެސް އިލްތިމާސް ކޮށްފަ އެވެ.
ރައީސް ނަޝީދުގެ އޮފީސް ފަޅާލި މައްސަލައާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.