ރޯދަމަހު ރައްޔިތުންނަށް ހެޔޮއަގެއްގައި ފަސޭހަކަމާއެކު ފިޔާ ބިސް އަދި އަލުވި ފޯރުކޮށްދިނުމަށް ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ތިން ބާވަތުގެ އާ ޝިޕްމަންޓް މިމަހު 10 ވަނަ ދުވަހު ރާއްޖެއަށް އަންނާނެކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ސަން އަށް ވިދާޅުވީ ރޯދަމަހު ފިޔާ އަދި އަލުވި ކިލޯއެއް 10ރ. އަށް ވުރެ ބޮޑު ނުވާވަރަށް، ކުކުޅުބިހެއްގެ އަގު 1.25ރ. އަށް ވުރެ ބޮޑު ނުވެ މި ރޯދަމަހު ހިފަހައްޓައިދޭނެ ކަމަށާއި އެކަމަށްޓަކައި އެސްޓީއޯގެ އާ ޝިޕްމަންޓް މިމަހު 10 ވަނަ ދުވަހު ރާއްޖެއަށް ގެންނާނެ ކަމަށެވެ.

އެގޮތުން އެސްޓީއޯ އިން ގެންނަ ޝިޕްމަންޓްގައި ޖުމްލަ 20،000 ބިސްކޭހާއި 20،000 ފިޔާ ބަސްތާގެ އިތުރުން 5000 އަލުވި ބަސްތާ ހިމެނޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯއިން އެތެރެކުރާ ބާވަތްތައް ލިމިޓެއް ނެތި ވިއްކުމަށް ނިންމާފައިވާ ކަމަށާއި އެތަކެތި ހުސްވިޔަ ނުދިނުމަށް އެސްޓީއޯއިން ގިނަ ފިޔަވަޅު ތަކެއް އަޅާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.