ވޯލްޑް ކަޕްގެ ކަންތައްތައް ދަނީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ކަމަށް އިޝާރާތް ކުރައްވައި، ބްރެޒިލްގައި ކުރިއަށްދާ މުޒާހަރާތަކާއި ގުޅިގެން މުބާރާތަށް ހުރަސްއެޅޭނެ ކަމަށް ބުނަމުންދިޔަ ފަރާތްތަކަށް ފީފާގެ ރައީސް ސެޕް ބްލެޓާ ފާޑު ވިދާޅުވެއްޖެ އެވެ.

މުބާރާތަށް ތައްޔާރުވުމަށް ބްރެޒިލްގެ ސަރުކާރުން ބޮޑު ހޭދައެއް ކުރަމުން ދާތީ އެ ގައުމުގައި މުޒާހަރާތަކެއް ކުރިއަށް ގެންދިޔަ އިރު، ސްޓޭޑިއަމްތައް ތަރައްގީކުރުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެއިރު ގިނަ މައްސަލަތަކެއް ކުރިމަތިވުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައި ވެ އެވެ.

"އެންމެންވެސް ވިސްނީ ގޯސްކޮށް،" މުޒާހަރާކުރި ފަރާތްތަކަށް އިޝާރާތްކޮށް ބްލެޓާ ވިދާޅުވި އެވެ. "ހުރިހާ ކަމެއް ދިޔައީ އެންމެ ފުރިހަމައަށް ކަމަށޭ އަހަރެން ނުބުނަން. އެކަމަކު އެންމެން ވެސް ބުނަމުންދިޔައީ މުބާރާތް ފެށެން ވާ އިރަށް ސްޓޭޑިއަމްތަކުގެ މަސައްކަތް ނުނިމޭނެއޭ. މިހާރު ބްރެޒިލްގެ ސްޓޭޑިއަމްތައް ހުރީ ވަރަށް ފެންވަރު ރަނގަޅުކޮށް ތައްޔާރުކުރެވިފަ."

ބްލެޓާ ވިދާޅުވީ، ވޯލްޑް ކަޕުގެ އަށް މެޗު އަދި ކުރިއަށް އެބައޮތް ކަމަށާއި އެ މެޗުތައް ވެސް އެއް ލެވެލްއެއްގައި ކުރިއަށް ދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގެ މެޗުތައް ފެށޭނީ އަންނަ ހުކުރު ދުވަހުގެ ރޭ 9:00 ގައެވެ. އެ ގަޑީގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޖަރުމަނާއި ފްރާންސް އެވެ.