09 Jan 2011, 15:47
ވެރިރަށް މާލެއަށް ހާއްސަކޮށް މިދިއަ ނޮވެމްބަރު މަހުގެ ތެރޭ ސަރުކާރުން އިއުލާން ކުރި ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރުމުގައި ބަލާ އުސޫލުތައް ސަރުކާރުން ހާމަކޮށްފި އެވެ. މިއަދު ވަނީ ފްލެޓާއި ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދޭ އުސޫލު ވެސް ހާމަކޮށްފަ އެވެ.
ރައީސްލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައި ސަރުކާރުން ހާމަކުރި މައުލޫމާތުތަކުގައިވާ ގޮތުން މި ޕްރޮގަރާމްގައި ބޯހިޔާވަހިކަން ފޯރުކޮށްދެނީ ތިން ގިންތިއެއްގެ ރަށްވެހިންނަށެވެ. އެއީ މާލޭގައި ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެ އަށް އުފަން މީހުންނާއި ދަފުތަރުގައި މިދިޔަ އަހަރުގެ ޖޫން 30ގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.
މާލޭ މުނިސިޕަލްޓީގެ ރައީސް އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މައްޗަންގޮޅީ ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައިވާ ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ބަލާފައި ވަނީ މާލޭގައި 300 އަކަފޫޓަށް ވުރެ ކުދި ބިންތައް ހުރި ފަރާތްތަކަށް ސަމާލުކަން ދިނުމަށް ކަމަށާއި ފުރަތަމަ ފިޔަވަހީގެ ދަށުން މާލޭގެ 1800 އާއިލާއަކަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގައި ހަދާ ހައުސިން ޔުނިޓް ތަކުން މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރަނީ ރާވާފައިވަނީ 1750 ޔުނިޓެވެ. އެއީ މާލޭން 500 ހައުސިން ޔުނިޓާއި ހުޅުމާލޭން 250 ޔުނިޓާއި ހުޅުމާލޭން 1200 އަކަފޫޓުގެ 250 ގޯއްޗެވެ.
އާދަމް މަނިކު ވިދާޅުވީ މާލޭގެ ރަށްވެހިންގެ ތެރެއިން އަމިއްލަ ތަނެއް ނެތް މީހުންނަށް 450 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި 150 ޔުނިޓް މާލެއިން ދޫކުރާއިރު 300 ޔުނިޓް ދޫކުރާނީ ހުޅުމާލޭން ކަމަށެވެ.
ކުލީ ގޮތުގައި މަހަކު 7000 ރ. އާއި ބާރަ ހާސް ރުފިޔާއާ ދެމެދުގެ ފައިސާގެ އަދަދު ކަނޑައަޅާފައިވާ ބޯހިޔާވަހި ކަމުގެ ޕްރޮގްރާމްގައި ގޯއްޗާއި ފްލެޓް ދޫކުރާއިރު ސަބްސިޑީ ދިނުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.