ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ ބަލި ކުރުމަށް އެ ޓީމުގެ ކެޕްޓަން ހުއްޓުވަން ޖެހޭ ކަމުގައި ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް ބުނެފި އެވެ.

ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި ހަތަރު ފަހަރު ބެލޮންޑިއޯ އެވޯޑް ކާމިޔާބުކުރި މެސީގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިފައި ވެ އެވެ. ގްރޫޕް ސްޓޭޖުގައި މެސީގެ ފަރާތުން ހަތަރު ލަނޑު ފެނިގެންދިޔަ އަރު، ގަދަ 16 ގައި ސްވިޒަލޭންޑް އަތުން އާޖެންޓީނާ މޮޅުވި ލަނޑު ކާމިޔާބު ކުރުމުގައި މެސީގެ ދައުރު ވަރަށް ބޮޑެވެ.

"އަހަރެމެން ދެ ޓީމަކީ ވެސް ވަރަށް ރަނގަޅު ދެ ޓީމު،" ނޫސްވެރިންނާ ވާހަކަދައްކަމުން ހަޒާޑް ބުންޏެވެ. "އެ މެޗުން ވާނެ ގޮތެއް އަހަރެންނަކަށް ނޭނގޭ. އަހަރެންނަށް ހީވަނީ ހަމަހަމަ ކުޅުމެއް ހެން ފެންނާނީ. އެ ޓީމުގައި މެސީ، ގޮންޒާލޯ ހިގައިން އަދި އެޒެކުއީލް ލަވޭޒީ ހިމެނޭ. ހަމަ އެގޮތަށް އަހަރެން ޓީމުގައި ވަރަށް ރަނގަޅު ޑިފެންޑަރުންތަކެއް އެބަތިބި. މެސީ ހުއްޓުވައިފި ނަމަ، އަހަރެމެންނަށް ފަސޭހަކަމެއް ލިބޭނެ."

ހަޒާޑް ބުނީ، އާޖެންޓީނާ ޓީމުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހުރިކަން އެނގޭ ކަމަށާއި އެހެންކަމުން އެ ކަމަށް ބެލްޖިއަމް އިން ސަމާލުވާނެ ކަމަށެވެ. މެސީ ހުއްޓުވާނެ ގޮތެއް ނޭނގުނަސް ބްލްޖިއަމް އިން ބިރު ނުގަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ކުއާޓާގައި އާޖެންޓީނާއާ ދެކޮޅަށް ބެލްޖިއަމް ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައެވެ. މި މެޗު ކުޅޭނީ ބްރެސީލިއާގެ އެސްޓޭޑިއޯ ނޭޝިއޮނަލްގަ އެވެ.