ޕެރިސް (ޖުލައި 3) : ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލައެއްގައި ފަރަންސޭސި ކުރީގެ ރައީސް ނިކޮލައި ސާކޯޒީ ބަންދުގައި ބަހައްޓަައިގެން ކޯޓަށް ޙާޒިރުކުރުމުން ފަރަންސޭސި ޝަރުއީ ދާއިރާ ބަދުނާމު ކުރައްވައި އޭނާ ވާހަކަ ދައްކަވައިފި އެވެ.

ސާކޯޒީގެ ވެރިކަމުގެ ދުވަސްވަރު ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވުމުގެ ތުހުމަތާއި ވެރިކަމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައި ފަރަންސޭސި ފުލުހުން އޭނާ ހައްޔަރުކޮށްގެން އިއްޔެ ކޯޓަށް ހާޒިރު ކުރުމާ ގުޅިގެން ކޯފާވެގެން ދެއްވި ބަޔާނެއްގައި ސާކޯޒީ ވިދާޅުވީ އޭނާގެ މައްޗަށް އުުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމުގަ އެވެ. އަދި ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށް ޓަކައި ފަރަންސޭސި ޝަރުއީ ދާއިރާގެ ބޭނުން ސަރުކާރުން ކުރަމުންދާ ކަމަށް ވެސް ސާކޯޒީ ތުހުމަތު ކުރެއްވި އެވެ.

ސާކޯޒީގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނާއި ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމުގެ ތުހުމަތުތަކުގެ ތެރޭގައި އޭނާ ފަރަންސޭސި ރިޔާސަތަށް އިންތިޚާބުވެ ވަޑައިގަތުމަށްޓަކައި ހިންގެވި ކޭންޕޭން ހަރަކާތްތަކަށް ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލްގައްޒާފީގެ އަތްޕުޅުން ޣައިރު ގާނޫނީ ގޮތެއްގައި 50 މިލިޔަން އެމެރިކާ ޑޮލަރު ހޯއްދެވުމުގެ ތުހުމަތު ހިމެނެވެ. އިންތިޚާބުތަކުގެ ކޭންޕޭނަށް ބޭރުގެ ފަރާތްތަކުން ފައިސާ ހޯދުމަކީ ފަރަންސޭސި ގާނޫނުގައި ވަރަށް ބޮޑު އަދަބު ދެވޭ ކުށެކެވެ.

އެދުވަސްވަރު މި މައްސަލަ ތަހްގީގް ކުރަންފެށުމުން މިކަމުގައި އިސްކޮށް އުޅުއްވިިފަނޑިޔާރު، ގެލްބަޓް އެޒިބަޓްގެ ކިބައިން މިކަމާ ބެހޭ މައުލޫމާތު ހޯއްދެވުމަށް ވެރިކަމުގެ ބާރާއި ނުފޫޒު ބޭނުންކުރެއްވި ކަމުގެ ތުހުމަތު ވެސް ސާކޯޒީގެ މައްޗަށް ވަނީ ކުރެވިފަ އެވެ. މިތުހުމަތުތަކާ ގުޅިގެން ފަރަންސޭސި ފުލުން ސާކޯޒީ ހައްޔަރުކޮށް އޭނާ އިއްޔެ ކޯޓަށް ހާޒިރުކޮށްފައިވާ އިރު ސާކޯޒީއަކީ ފަރަންސޭސިވިލާތުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ މިފަދަ މައްސަލަތަކެއްގައި ހައްޔަރުކޮށްގެން ކޯޓަށް ޙާޒިރުކުރެވުނު ފުރަތަމަ ޝަޚްސިއްޔަތެވެ.

ފަރަންސޭސި ކުރީގެ ރައީސެއް ކަމަށްވާ ޖެކް ޝިރާކުގެ މައްޗަށް ވެސް 2011 ވަނަ އަހަރު ކޮރަޕްޝަނުގެ ތުހުމަތުގައި ޝަރީޢަތް ހިންގައި ކޯޓަށް ހާޒިރުކޮށްފައިވި ނަމަވެސް ޝިރާކް ކޯޓަށް ހާޒިރުކޮށްފައި ވަނީ ސާކޯޒީ އިއްޔެ ކޯޓަށް ހާޒިރު ކުރިގޮތަށް ބަންދުގައި ބަހައްޓައިގެނެއްނޫނެވެ. އަދި ކޮރަޕްޝަނުގެ ތުހުމަތު ސާބިތުވުމުގެ ސަބަބުން ޖަލު ހުކުމެއް ވެސް 2011 ވަނަ އަހަރުގެ ތެރޭގައި ފަރަންސޭސި ކޯޓަކުން ޖެކްޝިރާކްގެ މައްޗަށް އިއްވާފައިވެ އެެވެ. ނަމަވެސް މިއީ ތަންފީޒު ނުކުރާގޮތަށް އިއްވި ހުކުމަކަށްވާތީ ޝިރާކް ޖަލުގައި ބަންދުކޮށްފައެއްނުވެ އެވެ.

ސާކޯޒީ ހައްޔަރުކޮށްގެން އިއްޔެ ކޯޓަށް ޙާޒިރުކުރި މައްސަލާގައި ފަރަންސޭސި ބޮޑުވަޒީރު މެނުއެލް ފާލް ވިދާޅުވެފައި ވަނީ ސާކޯޒީގެ މައްޗަށް ޝަރީއަތް ހިންގުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް އަދި ނުފޫޒެއް ވެސް ނޯންނާނެ ކަމަށާ ސާކޯޒީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރީ ކޯޓުގެ އަމުރަށް ކަމުގަ އެވެ. މިއީ ފަރަންސޭސި ޝަރުޢީ ދާއިރާގެ މުސްތަގިއްލުކަން ދައްކައިދޭ މިސާލެއް ކަމަށާ ހުރިހާ ފަރާތްތަކަކުން ވެސް މިމިސާލު ބަލައިގަންނަން ޖެހޭ ކަމަށް ފާލް ވިދާޅުވި އެވެ. ސާކޯޒީ ބަންދުގައި ބަހައްޓައިގެން ޕެރިހުގެ ކޯޓަކަށް އިއްޔެ އޭނާ ޙާޒިރު ކުރިމައްސަލާގައި އޭނާގެ ދިފާއީ ވަކީލު ޓެރީ ހެރްޒޮގް ވިދާޅުވެފައި ވަނީ ފަރަންސޭސި ފުލުހުން މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ސާކޯޒީ ހައްޔަރުކުރުމަށް ފަހު އޭނާ ކޯޓަށް ޙާޒިރުކޮށްފައި ވަނީ އޭގެ 15 ގަޑިއިރު ފަހުން ކަމުގަ އެވެ. އަދި ކޯޓަށް ހާޒިރު ކުރުމަށްފަހު ވެސް ސާކޯޒީ ހުންނެވީ ބަންދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސާކޯޒީއަކީ 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފަރަންސޭސި ރިޔާސީ އިންތިޚާބަށް ވާދަ ކުރެއްވުމުގެ އުންމީދުގައި ހުންނެވި ބޭފުޅެކެވެ. ކޮރަޕްޝަނުގެ މައްސަލައެއް ސާކޯޒީގެ މައްޗަށް ސާބިތުވެއްޖެ ނަމަ 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފަރަންސޭސި ރިޔާސީ ރޭހުގައި ބައިވެރިވުމުގެ ފުރްސަތު އޭނާއަށް ގެއްލިވަޑައިގަންނަވާނެއެވެ. (ރޮއިޓާސް)