ދިރާގު ދިވެހި ލީގުގައި މިރޭ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) 4-0 ލަނޑުން ބަލިކޮށް ލީގުގެ އެއް ވަނަ މަގާމަށް ކުލަބް އީގަލްސް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި އީގަލްސަށް ޖަހައިދިނީ މުހައްމަދު ތަސްނީމެވެ. ދެ ވަނަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި އީގަލްސަށް ޖަހައިދިނީ ހަސަން އަދުހަމެވެ. އަދި މެޗުގެ ތިން ވަނަ ލަނޑު 58 ވަނަ މިނެޓުގައި އީގަލްސަށް ޖަހައި ދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިސްމާއިލް އީސަ (މެސީ) އެވެ.

އީގަލްސްގެ ފަރާތުން ރީތި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ހަތަރު ވަނަ ލަނޑު އެ ޓީމަށް 66 ވަނަ މިނެޓުގައި ޖަހައި ދިނީ ސްޕެއިންގެ މިޑްފީލްޑަރު އޭންޖަލް ކަރަސްކޯސާ މޮނޯޒެވެ.

އެ ނަތީޖާއާއެކު ލީގުގެ އެއް ވަނަ މަގާމުގައި އީގަލްސް އޮތީ ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާއެކު އެއް ވަނަ މަގާމުގަ އެވެ. ދެ ވަނަ މަގާމުގައި ދެ މެޗް ކުޅެގެން ހަ ޕޮއިންޓާއެކު އޮތީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އަދި ލީގުގެ ތިން ވަނަ މަގާމުގައި ދެ މެޗު ކުޅެގެން ހަތަރު ޕޮއިންޓާއެކު އޮތީ މާޒިޔާ އެވެ.

އީގަލްސް އަތުން މިއަދު ބަލިވި އޭވައިއެލް އޮތީ ޕޮއިންޓެއް ނުލިބި ލީގުގެ އެންމެ ފުލުގަ އެވެ.

މެޗަށްފަހު އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ބުނީ، މެޗުގައި ހުރިހާ ކުޅުންތެރިން ވެސް ދެއްކީ ރީތި ކުޅުމެއް ކަމަށާއި މި ލިބުނު ކާމިޔާބީއަކީ ކުޅުންތެރިން ކުރި މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށެވެ.

މެޗުން ބަލިވި އޭވައިއެލްގެ ކޯޗް އަހުމަދު ނާޝިދު (ނާދު) ބުނީ މެޗުގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި ލަނޑު ޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފުނީ ކުޅުންތެރިން ޅަވީމަ ކަމަށެވެ. އަދި މިރޭގެ މެޗުގައި ވެސް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ރަނގަޅު ފޯވާޑެއް ޓީމުގައި ނެތުމުން ކަމަށާއި ފޯވާޑެއް ހޯދުމަށް މެނޭޖްމަންޓުގައި އެދިފައި ވާނެ ކަމަށް ނާދު ބުންޏެވެ.

ލީގުގައި މާދަމާ ރޭ 10:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ ދެ މެޗް ކުޅެގެން އެއް ޕޮއިންޓާއެކު އޮތް ބީޖީ ސްޕޯޓްސް ކުލަބާއި ހަމަ އެ އަދަދަށް މެޗް ކުޅެގެން އެއް ޕޮއިންޓް ހަމަ ކޮށްފައިވާ ކުލަބް ވެލެންސިއާ އެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރި ލިބެނީ ބީޖީއަށެވެ.