03 Jul 2014, 00:31
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބެނީ ޑަޔާލް ރާއްޖޭގައި ޝޯއެއް ދޭން ހަމަޖެހިއްޖެ އެވެ. ރާއްޖޭގެ މަޝްހޫރު އިވެންޓް މެނޭޖްމެންޓް ކުންފުނި، ސައުންޑް އެންޑް ލައިޓްސް އާއި އިންޑިއާގެ ބީޓީއޯއެސް ގުޅިގެން ބާއްވާ މިޝޯ އޮންނާނީ އަންނަ އޯގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ރޭ އޮލިމްޕަހުގަ އެވެ.
ބޮލީވުޑް ގަ އާއި ރާއްޖޭގައި ވެސް މި ފަހަކަށް އައިސް ވަރަށް ބޮޑަށް މަޝްހޫރުވެން ދިޔަ ބެނީ ޑަޔާލްގެ ލަވަތަކުގެ ތެރޭގައި "ބައްތަމީޒް ދިލް" އާއި ފިލްމް ރޭސް 2 ގެ "ލަތް ލަގް ގައޭ" އަދި ދެލްހީ 6 ގެ "މަސައްކަލީ" ފަދަ ލަވަތައް ހިމެނެ އެވެ.
https://www.youtube.com/watch?v=KxCjVIFxZNo
ބެނީ ޑަޔާލްގެ ޝޯ އޮލިމްޕަހުގައި ކުރިޔަށްދާ އިރު، ރާއްޖޭގެ ގެސްޓް ފަންނާނުންގެ ގޮތުގައި އަންދަލާ އަދި އުނޫޝާ ވެސް މި ޝޯގައި ބެނީ އާއެކު ފެނިގެންދާނޭ ކަމަށް ސައުންޑް އެންޑް ލައިޓްސް އިން ސަން އަށް މައުލޫމާތުދިނެވެ.
ސައުންޑް އެންޑް ލައިޓްސްގެ ޑައިރެކްޓަރު މޫސާ އިޒްމީލް މިރޭ ވިދާޅުވީ މި ޝޯގެ ޓިކެޓް މި މަހުގެ 20 ހިސާބުގައި ވިއްކަން ފަށާނެ ކަމަށެވެ. ޓިކެޓުގެ އަގަކީ 200 ރުފިޔާ ކަމަށާއި 500 ރުފިޔާ އަށް ވިއްކާ ލިމިޓެޑް ޓިކެޓް ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިޒްމީލް ވިދާޅުވީ އޮލިމްޕަހަކީ މި ފަދަ ޝޯއަކަށް އެކަށީގެންވާ ވަރަށް ވުރެ ކުޑަ ތަނެއް ކަމަށެވެ.
"އޮލިމްޕަހަކީ މި ފަދަ މަޝްހޫރު ލަވަކިޔުންތެރިއެއްގެ ބޮޑު ޝޯއެއް ބާއްވަން ކުޑަ ތަނެއްކަން އަޅުގަނޑުމެން ގަބޫލުކުރަން. އެހެން ނަމަވެސް އިންޑޯ އެހެން ތަނެއް ރާއްޖެއަކު ނެތް." އިޒްމީލް ވިދާޅުވި އެވެ.
ބޮލީވުޑްގެ އެންމެ ބޮޑު އެވޯޑް ހަފުލާ ކަމަށްވާ އައިފާ އެވޯޑުން ވެސް ޚާއްސަ މަޝްހޫރު ކަމެއް ހޯދާފައިވާ ބެނީ ޑަޔާލް އަކީ އިންޑިއާގައި މިހާރު އެންމެ މަގުބޫލު އަދި އެންމެ މަޝްހޫރު ލަވަކިޔުންތެރީންގެ ތެރޭގައި ހިމެނޭ ލަވަކިޔުނަތެރިއެކެވެ.
ރާއްޖޭގައި ބެނީ ޑަޔާލްގެ މި ޝޯ އޮންނަ އިރު، މި އިވެންޓުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސައިފައި ވަނީ ސަން އޮންލައިނެވެ.
https://www.youtube.com/watch?v=II2EO3Nw4m0