02 Jul 2014, 22:36
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރަކަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް އަދި ނާއިބު މުގައްރިރަކަށް ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު އިންތިޚާބު ކޮށްފިއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އިގްތިސާދީ ކޮމެޓީގެ މެމްބަރަކު ވިދާޅުވީ މުގައްރިރު ކަމަށް ޚަލީލް އަދި ނާއިބް މުގައްރިރު ކަމަށް ސިޔާމް އިންތިޚާބުކޮށްފައި ވަނީ މިއަދު މެންދުރު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ކަމަށެވެ. އެ ދެ ބޭފުޅުން އިންތިޚާބުވެވަޑައިގަތީ ހަ ވޯޓުގެ އަޣުލަބިއްޔަތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮމިޓީގެ މުގައްރިރަކަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ އިބްރާހިމް އަދި ނާއިބު މުގައްރިރަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ނަން ވެސް މެމްބަރަކު ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ ތެރެއިން ގާސިމް އިބްރާހީމަށް ފަސް ވޯޓު ލިބިވަޑައިގަތް އިރު މުހައްމަދު އަސްލަމް އަށް ލިބިވަޑައިގަތީ ތިން ވޯޓު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހަތަރު ބޭފުޅުންގެ އިތުރުން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލެވެ.