02 Jul 2014, 21:54
މޮސްކޯ (ޖުލައި 3) : ޔުކްރޭންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުވުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓަކައި ރަޝިޔާއާއި ޖަރުމަނާއި ފަރަންސޭސިވިލާތާ އަދި ޔުކްރޭންގެ ޚާރިޖީ ވަޒީރުން ބާލިންގައި މާދަމާ ބައްދަލުކުރައްވާނެ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
މިބައްދަލުވުމުގެ ބޭނުމަކީ ޔުކްރޭންގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ގެނައުމަށް އެކުލަވާލާފައިވާ ސުލްހައިގެ ޕްލޭންތައް ދިރާސާކޮށް މީގެތެރެއިން އެއްޕްލޭން، އަމަލީ ގޮތުން ތަންފީޒުކުރުމުގެ މެކޭނިޒަމެއް އެކުލަވާލުން ކަމަށް ޚަބަރުލިބެ އެވެ. ޔުކްރޭންގެ މައްސަލަ ހައްލު ކުރުމަށް ޔުކްރޭނާއި ޔޫރަޕްގެ ބޮޑެތި ބާރުތައް ގުޅިގެން ސުލްހައިގެ ހުށަހެޅުމެއް ހުށަހަޅާފައިވާ އިރު ޔުކްރޭނާއި ރަޝިޔާ ގުޅިގެން ވެސް ވަނީ ސުލްހައިގެ ޕްލޭނެއް އެކުލަވާލާފަ އެވެ. ނަމަވެސް ވަކިވެގަތުމަށް މަސައްކަތްކުރާ ޔުކްރޭންގެ ހަނގުރާމަވެރިން މިއިން އެއްވެސް ޕްލޭނެއް ގަބޫލުކޮށްފައެއްނުވެ އެވެ.
ބާލިންގައި މަދަމާފެށުމަށް ހަމަޖެހިފައިވާ ރަޝިޔާ، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް އަދި ޔުކްރޭންގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާއި ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ފްރަންކް ވޯލްޓަރ ޗެއިންމާރު، އިސްނަންގަވައިގެން ބާއްވާ ބައްދަލުވުމެއް ކަމަށް ރަޝިޔާގެ ޚާރިޖީ ވުޒާރާ އިން ވަނީ ހާމަކޮށްފަ އެވެ. (ރޮއިޓާސް)