ކޮކާ ކޯލާ ވެޓަރަރެންސް ކަޕް ގައި ދިިވެހި ސިފައިން ކުލަބު (ޑީއެސްސީ) ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއެކު ކާމިޔާބު ކޮށްފި އެވެ.

އެފްއޭއެމްގެ ލައިފްބޯއީ ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާއި ބައްދަލުކުރި މެޗު ޑީއެސްސީއިން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޑީއެސްސީއަށް ކުޅެމުން އަންނަ ކުރީގެ ގައުމީ ޓީމުގެ ފޯވާޑް ޝާހު އިސްމާއީލެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގުރޫޕް އެކެއްގައި އީގަލްސް އާއި ބީޖީއާ އެކު ދެން ވާދަކުރަނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ވިކްޓަރީ އެވެ.

ގުރޫޕް ދޭއްގައި ދިވެހި ސިފައިންގެ ކްލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާއި ސޮކާ ވެޓްރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އިތުރުން ކްލަބް ވެލެންސިއާ އެވެ.

ލީގު އުސޫލުން ކުޅޭ އެއް ބުރަށް ފަހު، ދެ ގުރޫޕްގެ ވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމަށް ދެވަނަ ބުރުގެ ޖާގަ ލިބޭނެ އެވެ. ދެވަނަ ބުރުގެ ޖާގަ ދެން ލިބޭނީ ދެ ގުރޫޕުން ވެސް ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމަކަށެވެ. ފަސް ޓީމާ އެކު ލީގު އުސޫލުން ކުޅޭ ދެވަނަ ބުރުން، ސެމީ އަށް ދާނީ ގަދަ ހަތަރު ޓީމެވެ.

މުބާރާތުގައި މާދަމާ ހަވީރު 4:40 ގައި ބައްދަލުކުރާ ދެޓީމަކީ ސޮކާ ވެޓްރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކުލަބް ވެލެންސިއާ އެވެ.