09 Jan 2011, 15:34
ވޮޝިންގޓަން : އިޖްތިމާޢީ ގުޅުންތަކާބެހޭ ބްލޮގެއް ކަމަށްވާ ޓްވިޓަރ ގައިވާ، ވިކިލީކްސް އަށް އެހީތެރިކަންދޭ ހަތަރު ފަރާތެއްގެ އެކައުންޓްތަކުގެ މަޢްލޫމާތު އެމެރިކާ ސަރުކާރަށް ފޯރުކޮށްދިނުމަށް ގޮވާލާ ކޯޓު އަމުރެއް އެމެރިކާގެ ޖިނާއީ ކޯޓަކުން ނެރެފިއެވެ. ކޯޓުން އަމުރު ނެރުނީ އެމެރިކާގެ އެފް.ބީ.އައި. އިން ކުރިޔަށްގެންދާ ވިކިލީކްސްއަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތަޙްޤީޤްތަކަށް، އެފަރާތަތަކުގެ ޒާތީ މަޢްލޫމާތު ބޭނުންވާކަމަށްބުނެ އެމެރިކާ ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ އަކާގުޅިގެންނެވެ. ޒާތީ މަޢްލޫމާތު ފޯރުކޮށްދިނުމަށް ކޯޓުން ނެރުނު އަމުރުގައިވާ ހަތަރު ފަރާތުގެ ތެރޭގައި އެމެރިކާގެ ސިއްރު މަޢްލޫމާތުތަކެއް ވިކިލީކްސްއަށް ފޯރުކޮށްދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެމެރިކާގެ ސިފައިންގެ މީހެއް ކަމަށްވާ ބްރެޑްލީ މެނިންގ ގެ މަޢްލޫމާތުވެސް ހިމެނެއެވެ. ޚަބަރުތައް ބުނާގޮތުން ޓްވިޓަރ އިންވަނީ އެމެރިކާގެ ކޯޓު އަމުރަކީ، މިހަތަރު މީހުންގެ މަދަނީ ޙައްޤުތަކާ ފުށުއަރާ ކަމެއް ކަމަށްބަލައި މަދަނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ ޤާނޫނަށް ރިޢާޔަތްކުރުމަށްފަހު ކޯޓު އަމުރު ތަންފީޒުކުރުމަށް ދެކޮޅު ހަދާފައެވެ.
ތަޖްރިބާކާރުން ދެކޭގޮތުގައި މިއީ ޤާނޫނީ އޮޅުން ބޮޅުން ބޮޑު މައްސަލައެކެވެ. ޒާތީ މަޢްލޫމާތު ދޭންނުޖެހޭނެކަމަށް ބައެއް ތަޖްރިބާކާރުން ވިދާޅުވި ނަމަވެސް އަނެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ވިކިލީކްސް ގެ މައްސަލާގައި އެމެރިކާގެ އެފް.ބީ.އައި. އިން ކުރަމުން ގެންދަނީ ޖިނާއީ ތަޙްޤީޤެކެވެ ޖިނާޢީ ތަޙްޤީޤެއް ފުރިހަމަކުރުމަށްޓަކައި މަޢްލޫމާތެެއް ހޯދުމަށް ކޯޓުމެދުވެރިކޮށް އެދިއްޖެނަމަ އެމަޢްލޫމާތު ނުދީ ވާނެގޮތެއް ނޯންނާނެއެވެ. ވިކިލީކްސް އަށް އެހީތެރިކަންދޭ ފަރާތްތައް ބަލައިހޯދުމަށް އެފް.ބީ.އައި.އާއި އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ ފަރާތްތަކުން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ވިކިލީކްސްއިން އެމެރިކާގެ ސިއްރު ލިޔުންތައް ބޭޒާރު ކުރަމުންގެންދާ މައްސަލާގައި މިކަން ހުއްޓުވުމަށް ޤާނޫނީ ގޮތުން އެމެރިކާއަށް އެޅޭނެ ސީދާ ފިޔަވަޅުތަކެއް އެމެރިކާއަކަށް ނެތެވެ.
އެމެރިކާ މިހާރުވަނީ މިކަން ސިޔާސީ ކަމަކަށް ހަދާފައެވެ. މިކަންއެނގެނީ އެމެރިކާގެ ސިޔާސީ ހަރުކަށި ބައެއް ފަރާތްތަކުން ވިކިލީކްސްގެ މުއައްސިސް ޖޫލިޔާން އަސާންޖް މަރާލުމަށްވެސް ގޮވާލާފައިވާތީއެވެ. އަދި އަސާންޖާ ދެކޮޅަށް ސްވިޑްން އިން ކޮށްފައިވާ ދެއަންހެނަކު ރޭޕްކުރުމުގެ ތުހުމަތުތަކަކީވެސް އެމެރިކާ އަޑީގައި އޮވެގެން ހިންގަމުންގެންދާ ސިޔާސީ ކުޅިގަނޑެއް ކަމަށް ވަނީ ބެލެވިފައެވެ. ސިޔާސީ ކަންތައްތަކަކީ އެމެރިކާގައިވެސް ވަރަށް މުޑުދާރުކޮށް ހިނގަމުންދާ ކަންތައްތަކެކެވެ. މިގޮތުން އެމެރިކާ މިހާރު ގެންދަނީ އެހެން އުސޫލުތަކެއް ބޭނުންކޮށްގެން ވިކިލީކްސްއާ ދިމާކުރުމުގެ ކަންތައް ކޯޓު މެދުވެރިކޮށް ކުރެވޭތޯ ބަލަމުންނެވެ.