02 Jul 2014, 21:16
ރަމަޟާންމަހު ކުރިއަށް ގެންދާ ޕިލިޕްސް އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި ބައިވެރިވި ހައިޑްސް ޓީމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެންމެ ހަގު ދަރިކަލުން ޣައްސާން މައުމޫން ކުޅުއްވަން ފައްޓަވައިފި އެވެ.
ހައިޑްސް ޓީމުގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި އެފްއޭއެމްގެ ނައިބު ރައީސް އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ސިފައިންގެ އިސް އޮފިސަރުން ވެސް ހިމެނެ އެވެ. އެ ބޭފުޅުން ކުޅުންވާ ހައިޑްސް ޓީމުން މިއަދު ވަނީ ކްރިކެޓް ބޯޑުގެ ވައިޑީޕީޓީމާ ވާދަކޮށް ހަތް ވިކެޓުން ކުރި ހޯއްދަވާފަ އެވެ.
މިއަދުގެ މެޗުގައި ނައިބު ރައީސަކަށް ބައިވެރިވެވަޑައި ނުގެންނެވުނެވެ. އެމަނިކުފާނަށް ދަނޑަށް ވަޑައިގެންނެވުނީ މެޗު ފެށުނު ފަހުންނެވެ. ޣައްސާނަށް މިއަދުގެ މެޗުގައި ބައިވެރިވެވަޑައިނުގެންނެވުނީ ރަށުން ބޭރުގައި އުޅުއްވާތީ އެވެ.
މިއަދު ހަވީރު ވައިޑީޕީ އަށް އޯވަރުގައި އެންމެ ކުޅުންތެރިއެއް ނުބަައިވެގެން 66 ލަނޑުހެދި އެވެ. އެެންމެ ރަނގަޅަށް ކުޅުނީ 27 ލަނޑު ހެދި އިޔާދު އެވެ. ޖަވާބުގައި ހައިޑްސް ކުޅެން އަރައި ފަސް އޯވަރު ތެރޭގައި 67 ލަނޑުހެދި އެވެ. އެންމެ ރަގަޅަށް ކުޅުނީ 12 ލަނޑުހެދި ފައިސްލާއި ސަލާމެވެ.
މިއަދު ހަވީރު ކުޅުނު ދެ ވަނަ މެޗުގައި ލެޒާ ކާގޯ އާއި ބައްދަލުކޮށް ހަތް ވިކެޓުން ކާމިޔާބުކުރީ އޮލިވްޓީމެވެ. ލެޒާކާގޯ ކުޅެންއަރައި އަށް އޯވަރުގެތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 101 ލަނޑު ހެދި އެވެ. ހުޝާމް އިބްރާހިމް ނުބައިނުވެ 33 ލަނޑު، ޖަވާބުގައި އޮލިވް ކުޅެންއަރާ ހަ އޯވަރުގެތެރޭގައި 102 ލަނޑު ހެދި އެވެ. އެންމެ ރަގަޅަށް ކުޅުނީ 22 ލނަޑުހެދި އިބްރާހިމް ނަސާތް އެވެ.
މި މުބާރާތުގައި ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގެރެވިއާއި ހެންގްއައުޓެވެ. އަދި ދެ ވަނަ މެޗްގައި ބައްދަލު ކުރާނީ ސަންކުއިކް ލިލީއާއި ބްރޫޗް އެވެ. ކުޅުން ފެށޭނީ މާދަމާ ހަވީރު 4:15ގައި ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގަ އެވެ.