02 Jul 2014, 17:48
ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ހަރަދުކުރި ގޮތުގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅާ 76 ކެންޑިޑޭޓުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ކަމަށެވެ. އަދި ދައުވާ ކުރަން ޕީޖީއަށް ފޮނުވާ 76 ކެންޑިޑޭޓުންގެ ތެރޭގައި އަލަށް އިންތިހާބުވި މަޖިލިސް މެމްބަރުން ނުހިމެނޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އިންތިހާބުގައި ވާދަ ކުރި ކޮންމެ ކެންޑިޑޭޓަކު އިންތިހާބަށް ހަރަދު ކުރި ގޮތުގެ މާލީ ހިސާބުތަކުގެ ރިޕޯޓެއް އީސީ އަށް ހުށަހަޅަން ޖެހެ އެވެ. އެ ރިޕޯޓް ހުށަހަޅަން ޖެހޭނީ އިންތިހާބު ބާއްވާތާ 30 ދުވަސް ތެރޭގަ އެވެ.
މަޖިލިސް އިންތިހާބުގައި ބައިވެރިވި 302 ކެންޑިޑޭޓުންގެ ތެރެއިން މާލީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ 226 ކެންޑިޑޭޓުންނެވެ.
ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ މާލީ ތަފްސީލުތަކުގެ ތެރޭގައި ތާއިދު ހޯދުމަށް ހަރަދު ކުރި ފައިސާގެ ޖުމްލަ އަދަދާއި ކެމްޕޭނަށް ފައިސާ ހޯދި ގޮތާއި އެ ފައިސާ ދިން ފަރާތްތަކުގެ މައުލޫމާތާއި އެ ފަރާތްތަކުން ދިން ފައިސާގެ ތަފްސީލު ހުށަހަޅަން ޖެހެ އެވެ. އަދި އިންތިހާބަށް ޚާއްސަކޮށް ހުޅުވާފައިވާ ބޭންކް އެކައުންޓުގެ ސްޓޭޓްމަންޓެއް ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގައި ބުނެފައިވެ އެވެ.
އެ ގާނޫނުގައި ބުނެފައިވާ ގޮތުން އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭ މައުލޫމާތު ހުށަނާޅައިފި ނަމަ އެ ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި ހަ މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ އެވެ. ނުވަތަ 6000 ރުފިޔާ އާއި 24،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ވެސް އެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނެފައިވެ އެވެ.