02 Jul 2014, 16:59
ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށް ލޮބީ ކުރުމަށް ބްރޯޑްކާސްޓަރުންގެ ލޮބީ ގްރޫޕެއް އުފައްދައިފި އެވެ.
އެ ގްރޫޕް ތައާރާފު ވުމުގެ ގޮތުން މިއަދު ޝީ ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރޯޑްކާސްޓަރުން ފާހަގަ ކުރި ކަންތައްތަކުގެ ތެރޭ ރެގިއުލޭޓަރުގެ ޒިންމާ ފުރިހަމައަށް އަދާނުކުރުމުގެ ސަބަބުން ލިސްޓެޑް އިވްނެޓުތަކުގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތައް އޮޅުވާލައި މަކަރާއި ހީލަތް ހެދުމުގެ ފުރުސަތު ފަހިވެގެންދާކަން ފާހަގަ ކުރިއެވެ.
އެގޮތުން ބްރެޒިލް ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ދެ ޗެނަލަކުން ނަގާފައި ވަނިކޮށް އިތުރު ޗެނަލަކުން ކޭބަލް ތެރެއަށް ވަދެ ވޯލްޑްކަޕް ދެއްކުމުން ބޮރޯޑްކާސްޓަރުންނަށް ބޮޑެތި ގެއްލުންތަކެއްވެ ސްޕޮންސަރުން ކުރަމުން އައި އިތުބާރު ގެއްލިފައިވާ ކަން ފާހަގަ ކުރި އެވެ.
ލޮބީ ގްރޫޕް ތަމްސީލު ކުރައްވާ ބޭފުޅުންގެ ތެރޭގައި ޓީވީއެމްގެ ކުރީގެ ސީއީއޯ އަލީ ހާލިދާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ބަދުރުއްނަސީރާއި ވީޓީވީގެ ސީއީއޯ އިބްރާހީމް ހަލީލާއި އެ ސްޓޭޝަންގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު އާސިފާއި ދި ޓީވީގެ އެޑިޓަރު މިދުހަތު އާދަމާއި ސަން މީޑިއާ ގްރޫޕްގެ ސީއީއޯ ސިނާން އަލީ އާއި އެ ސްޓޭޝަންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ފަދަ ބޭފުޅުން ހިމެނެ އެވެ.
ލޮބީ ގްރޫޕުން ބުނީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ޗެނަލްތައް ދެއްކުމަށް ދެކޮޅު ނަހަދާ ކަމަށާއި ނަމަވެސް ކަންކަން ރަނގަޅަށް ރެގިއުލޭޓް ނުކުރެވެމުން ދިވެހި ބްރޯޑްކާސްޓަރުންނާއި ސޮޕަންސަރުންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެ ގްރޫޕުން ބުނީ ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ޑިޖިޓަލްކޮށް ހިލޭ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބްރޯޑްކާސްޓަރުން ތިއްބައި ރައްޔިތުންގެ އަތުން އަގު ނަގާ ގޮތަށް ބޭރު ބަޔަކަށް އެ ފުރުސަތު ފަހިކޮށްދިނުމުން ބްރޯޑްކާސްޓަރުންނަށް ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހުމުގެ އިތުރަށް ސޮޕޮންސަރުން ވެސް މާޔޫސްކަމާ ކުރިމަތިވެފައިވާ ކަމަށެވެ.
"ދެ ބްރޯޑްކާސްޓަރުންނަށް ވެސް މިފަހަރު އެޗްޑީކޮށް ވޯލްޑް ކަޕް ގެނެސް ދިނުމުގެ ގާބިލުކަން ލިބިފައި އެބަ އޮތް. ޕަބްލިކް ބްރޯޑް ކާސްޓަރު ބޮޑު ހޭދައެއްކޮށްފައި އޮއްވައި އަދި ޕްރައިވެޓް ބްރޯޑްކާސްޓާ ބޮޑު ހޭދައެއްކޮށްފައި އޮއްވައި އަދި ރައްޔިތުން އިތުރަށް ހަރަދު ކޮށްގެން ވޯލްޑް ކަޕް ބެލީމާ މިއީ ގައުމެއްގެ ގޮތުން ވަރަށް ބޮޑު ބޭކާރު ހަރަދުތަކެއް މިދަނީ،" އަލީ ހާލިދު ވިދާޅުވި އެވެ.
އަލީ ޚާލިދު ވިދާޅުވީ އެ ގްރޫޕްގެ އެއް މަގުސަދަކީ މިހާރު ދިމާވެފައި ހުރި ދަތިތައް ނައްތާލުމަށް ރެގިއުލޭޓަރާއި ބްރޯޑްކާސްޓަރުންނާ ދެމެދު ފަސޭހައިން މަޝްވަރާކުރެވޭނެ ގޮތެއް ހޯދުން ކަމަށާއި އެ ފަދަ މައްސަލަތަކަށް ހައްލުހޯދުން ކަމަށެވެ. އަދި ރީ ބްރޮޑްކާސްޓިންގެ މޮނޮޕޮލީއެއް އޮވެ އެ ދާއިރާ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލުމާއި ބްރޯޑްކާސްޓަރުންގެ ސިގްނަލް ދިނުމުގައި އެއްފަރާތަކަށް ބަރޯސާވާން ޖެހުމުން އުފެދިފައިވާ މޮނޮޕޮލީގެ ނުފޫޒު ނައްތާލަން މަސައްކަތް ކުރާނެ ކަމަށެވެ.
"ރެގިއުލޭޓަރާ އެކީ ބްރޯޑްކާސްޓަރުންނަށް މުއާމަލާތް ކުރަން އެހާ ފަސޭހައެއްނޫން. އެހެންވީމާ މުއާމަލާތް ކުރެވޭނެ ފަސޭހަ މަގެއް އެބޭފުޅުންނާއެކީ ވާހަކަ ދައްކައި މައްސަލަ ހައްލުކުރެވޭނެ ފޯރަމްއެއް ގާއިމު ކުރަން ބޭނުންވޭ،" އަލީ ހާލިދު ވިދާޅުވި އެވެ.
ގިނަ ބްރޯޑްކާސްޓަރުން ފާހަގަ ކުރި ގޮތުގައި ކޮންމެ ބްރޯޑް ކާސްޓިންގް މީޑިއާ އަކުން އެ މީޑިއަމްއެއްގެ ޗެނެލެއް މީޑިއާ ނެޓް މެދުވެރިކޮށް ރައިޑް ކުރަން ނޫނީ ދެއްކުމަށް މީޑިއާ ނެޓުން މަހަކު 40،000 ރުފިޔާ ނަގާ ކަމަށާއި އެ އަދަދު 80،000 ރުފިޔާ އަށް މިހާރު ބޮޑުކުރުމަށް އަންގަމުން އަންނަ ކަމަށެވެ. އަދި އެ ހަރަދު މީޑިއާތަކުން ކުރާ އިރު ލޯކަލް ޗެނަލްތައް ކޭބަލް މެދުވެރިކޮށް ބެލުމަށް އާންމުން ވެސް އަގުދައްކަން ޖެހޭ ކަމަށް އެ ބޭފުޅުން ފާހަގަކުރި އެވެ.
ބްރޯޑްކާސްޓަރުންގެ ލޮބީ ގްރޫޕުން ފާހަގަ ކުރި ގޮތުގައި އެ މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި އެ ދާއިރާގެ ބެލެނިވެރިފަރާތް، ބްރޯޑްކާސްޓިން ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ބްރޯޑްކާސްޓަރުންގެ މައްސަލަތައް ހޯދައިއެ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އެޅުމަށެވެ.
ވޭތުވެ ދިޔަ އަށެއްކަ އަހަރު ތެރޭ ބްރޯޑް ކާސްޓް ކުރުމުގެ ތެރެއަށް ޕްރައިވެޓް ބްރޯޑްކާސްޓަރުން ވަދެ މިދާއިރާ އިތުރަށް ފުޅާވެގެން ގޮސްފައިވާ އިރު، ދާއިރާ އިތުރަށް ކުރިއަރުވަން ދިމާވެފައި ހުރި މައްސަލަތައް ހައްލު ކުރަން ބްރޯޑްކާސްޓަރުންނާ އެކު ބްރޯޑްކާސްޓިން ކޮމިޝަނުން މަސައްކަތްކޮށްފައިނުވާކަން ބްރޯޑްކާސްޓަރުންގެ ލޮބީ ގްރޫޕުން ފާހަގަ ކޮށްފައިވެ އެވެ. އެ ގްރޫޕުން ބުނީ ކޭބަލް މެދުވެރިކޮށް ޓީވީ ޗެނަލް ބުރޯޑްކާސްޓު ކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ހުރަސްތައް ބްރޯޑްކާސްޓިން ކޮމިޝަންގެ ސަމާލުކަމަށް ގެނެސް ދާއިރާ ތަރައްގީ ކުރާނެ ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށެވެ.