02 Jul 2014, 15:57
މީހެއްގެ އަތުން ފައިސާތަކަކާއި ފޯނެއް ފޭރިގަނެގެން ފިލަން ދުވި ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރު 4:30 އެހާކަންހާއިރު މީހެއްގެ އަތުން ފޭރިފައި ވަނީ އެމްއެމްއޭ ސަރަހައްދުން ކަމަށާއި އެވަގުތު އެ ސަރަހައްދު ޕެޓްރޯލު ކުރަމުން ދިޔަ ފުލުހުން ފޭރެން މަސައްކަތް ކުރި ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ބަލައި ފާސްކުރި އިރު ފޭރިގެންފައިވާ ކަމަށް ބެލެވޭ ދެ ފޯނާއި ފައިސާތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ހައްޔަރު ކުރި އުމުރުން 29 އަހަރުގެ މީހާ އާއި 34 އަހަރުގެ މީހާއަކީ ތަކުރާރުކޮށް ފޭރެމުންދާ ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ދެ މީހުންގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައިވާ އިރު، އެ ދެ މީހުން މާލެ ތެރެއަށް ދޫވެގެން އުޅެނީ ކީއްވެގެން ކަމެއް ސާފެއްނުވެ އެވެ.
ފޭރުމުގެ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި 29 އަހަރުގެ މީހަކީ ތަފާތު 24 ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް 12 ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި އޭނާގެ މައްޗަށް ތަފާތު އަށް މައްސަލައެއްގައި ދަޢުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ އިރު ކުށް ސާބިތުވެ ތަފާތު ފަސް މައްސަލައެއްގައި އޭނާގެ މައްޗަށް ހުކުމް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ހައްޔަރު ކުރި މީހާއަކީ ފޭރުމުގެ ގިނަ އަދަދެއްގެ މައްސަލަތަކާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން މުދަލަށް ގެއްލުންދިނުމާއި އޮރިޔާންކާޑް ގެންގުޅުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
ފުލުހުން އަދި ބުނީ ފޭރުމުގެ މައްސަލައިގައި ހައްޔަރުކުރި 34 އަހަރުގެ މީހާއަކީ ތަފާތު އަށް ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަތަރު ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.
އަދި އޭނާގެ މައްޗަށް ތަފާތު ދެ މައްސަލައެއްގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ އިރު މަކަރާއި ހީލަތް ހެދުމުގެ ކުށްސާބިތުވުމާ ގުޅިގެން އޭނާގެ މައްޗަށް ހުކުމެއް ވެސް ކޮށްފައިވެ އެވެ.