02 Jul 2014, 15:54
މޯލްޑިވްސް ބްރޯޑްކާސްޓިންްގް ކޮމިޝަނަށް ހުށަހަޅައި އަގު ފާސްކުރުމެއް ނެތި މީޑިއާނެޓުގެ ފަރާތުން "އައިސް ޓީވީ އާ އެކު ބޯނަސް ސޮނީ6 އެޗްޑީ"ގެ ނަމުގައި 100 ރުފިޔާ އަށް ވިއްކުމަށް މިހާރު އިޝްތިހާރު ކުރަމުންދާ ޕްރޮޑަކްޓް ހުއްޓާލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން މީޑިއާ ނެޓަށް އަންގައިފި އެވެ.
"އައިސްޓީވީ" އަކީ އަގު ނަގައިގެން ބްރޯޑްކާސްޓްކުރެވޭނެ ޗެނެލެއްގެ ގޮތުގައި ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވާ ބްރޯޑްކާސްޓަރަކަށްވީ ނަމަވެސް، އެއްވެސް ރީބްރޯޑްކާސްޓަރަކު އެ ފަރާތެއްގެ ޚިދުމަތުގައި ދައްކާ ޗެނެލްތަކަށް ނަގާ އަގުތަކަކީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 32ވަނަ މާއްދާގެ ދަށުން، ކޮމިޝަނަށް ހުށަހަޅައި ފާސްކުރަން ޖެހޭ އެއްޗެކަމުގައި ކޮމިޝަނުން މި ކަމާ ގުޅޭގޮތުން މީޑިއާނެޓަށް ފޮނުވި ސިޓީގައި ބުނެފައިވާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން، ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އަގު ފާސްކުރުމެއް ނެތި މީޑިއާނެޓުން މިހާރު ކުރަމުންދާ އިޝްތިހާރު ހުއްޓާލުމަށާއި ކޮމިޝަނުން އަގު ފާސްކުރުމުގެ ކުރީން އެއްވެސް ކަސްޓަމަރެއްގެ އަތުން އަގެއް ނުނެގުމަށް ވެސް އެ ސިޓީގައި އަންގާފައިވާނެ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.