އުކާލާ ކުނި ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ އެހީގައި ކަރަންޓާއި ފެން އުފެއްދުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އައްޑޫ ސިޓީގައި ކުރަމުންދާ ކަމަށް ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ކުނިން އުފައްދާ ހަކަތަ ބޭނުންކޮށްގެން ފެނާއި ކަރަންޓް އުފެއްދުމުގެ ނިޒާމަށް ބޭނުންވާ ފީސިބިލިޓީ ރިޕޯޓް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ.

"ފީސިބިލިޓީ ރިޕޯޓްގެ އަލީގައި އައްޑޫ ސިޓީގައި ތިމާވެއްޓާއި ރަށްޓެހި ގޮތަކަށް ކުނި މެނޭޖު ކުރުމުގެ ނިޒާމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެ،" ވަޒީރު ވިދާޅުވި އެވެ.

އައްޑޫ ސިޓީ މަރަދޫ އާއި މަރަދޫފޭދޫ އާއި ފޭދޫ ހިމެނޭ ގިރާ ސަރަހައްދުގެ ތެރެއިން 2500 މީޓަރު ހިމާޔަތްކުރުމުގެ މަޝްރޫއެއްވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަ ޖެހިފައިވަނީ ޑެންމާކް ސަރުކާރުގެ ހިލޭ އެހީ އާއި ކުވެއިތް ފަންޑުގެ ލޯނު އެހީގައި ކަމަށް ވަޒީރު ފާހަގަ ކުރެއްވެވި އެވެ.

އޭގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައި ހިމާޔަތްކޮށްފައިވާ، އީދިގަލި ކުޅިން ދެމެހެއްޓެނިވި ގޮތަކަށް ފައިދާ ލިބޭނެ ގޮތަށް ތަރައްގީ ކުރުމަށް ޕްލޭންތައް ހެދުމަށްފަހު ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ މަސައްކަތުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ސަރައްދު ވަށައިގެން 610 މީޓަރުގެ ފެންސް ޖެހުން ހިމެނޭ. އަދި ޒިޔާރަތްކުރާ މީހުނަށް ހިދުމަތްދޭ ރޭޖާސްހަޓް ހެދުމާއި ވަދެ ނިކުމެވޭ ސަރައްދުތައް ހެދުން ހިމެނޭ،" ތޯރިގު ވިދާޅުވި އެވެ.

އަވިން ހަކަތަ އުފެއްދުމުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި އެ ފޮރްޖެކްޓަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީސް މިހާރު ހަދާނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ޕޮރްޖެކްޓް އަންނަ އަހަރު ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.