ބިލިއާޑް މުބާރާތެއްގައި މިހާތަނަށް އެންމެ ގިނަ ކުޅުންތެރިން ބައިވެރިވެގެން ރާއްޖޭގައި ބާއްވާ ފުރަތަމަ މުބާރާތްކަމަށްވާ "އިފެކްޓް އެމްއެންޑީއެފް އިންޓަރޔުނިޓް" ފުރަތަމަ ބިލިއަރޑް މުބާރާތް ފަށައިފިއެވެ.

އެ މުބާރާތުގައި އެމްއެންޑީއެފްގެ 16 ޔުނިޓަކުން 16 ޓީމާއި އިންޑިވިޖުއަލް 79 ކުޅުންތެރިއަކު ވާދަކުރެއެވެ. މުބާރާތުގައި ބައިވެރިވި ޔުނިޓްތަކާއި އިންޑިވިޖުއަލް ކުޅުންތެރިން ބަހާފައިވަނީ ސިންގަލްސްއާއި ޑަބަލްސް ކެޓަގަރީން ނެވެ. އަދި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ބުރުން މޮޅުވާ ޓީމްތައް ކުއާޓާ ފައިނަލަށް ގޮސް އަދި ކުއާޓާ ފައިނަލުން މޮޅުވާ ބަޔަކު ސެމީ ފައިންލައި ކުޅެ މޮޅުވާ ބަޔަކު ފައިނަލަށް ދާ އުސޫލުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ވީބީ ބްރަދާސްއިން އެތެރެކޮށް މާކެޓް ކުރަމުންގެންދާ ދުނިޔޭގެ މަޝްހޫރު އެނަރޖީ ބުއިމެއް ކަމުގައިވާ "އިފެކްޓް" އިން ސްޕޮންސަރކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޓައިޓަލް ނަންވެސް ޚާއްސަ ކުރެވިފައިވަނީ "އިފެކްޓް" ބުއިމަށެވެ.

ބިލިއާޑް މުބާރާތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން 23 އަށް ދިވެހި ސިފައިންގެ ކްލަބުން ހިންގި އެއްވަނަ ބިލިއާޑް ރެފްރީ ކޯސް ފުރިހަމަކޮށް ފާސްވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުން ވެސް އޮތެވެ. އެފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާނު ލެފްޓިނަންޓް ކާނަލް ރިޓަޔަރޑް ހަސަން ޔޫސުފެވެ.