އިސްލާމީ ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ދިވެހިންނަށް ބައިވެރިނުވެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ހަނގުރާމަތަކުގައި ދިވެހިންނަށް ބައިވެރިނުވެވޭނެ ކަމަށް ނެރުނު ފަތުވާ އިއުލާންކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ އެއްވެސް އިސްލާމީ ގައުމެއްގެ ރައްޔިތުން އެއްބަޔަކު އަނެއްބަޔަކާ ކުރެވެމުންދާ ދާޚިލީ ހަނގުރާމަ ތަކުގައި ބައިވެރިވުމަށް ދިވެހިންގެ ބަޔަކު ދިއުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ.

ހަނގުރާމަ ހިނގަމުންދަނީ އިސްލާމީ ޖަމާއަތްތަކުގެ މެދުގައި ކަމަށާއި އެ ހިނގަމުންދާ ހަނގުރާމަތަކުގައި މުސްލިމް އެހެން ގައުމަކުން ބައިވެރިވާންޖެހޭނެ ކަމަށް ދީނީ އިލްމުވެރިން އެއްބަސްވެވަޑައިނުގަންނަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ހަނގުރާމަ ހިނގަމުންދާ ގައުމުތަކުގެ ދީނީ އިލްމުވެރިން ވެސް އިރުޝާދު ދެއްވަނީ އެ ގައުމުތަކަށް ބޭރު ގައުމުތަކުން މީހުން ނުދިއުމަށް ކަމަށާއި އެ ގައުމުތަކުގެ އިލްމުވެރިން އެދިވަޑައިގަންނަވަނީ "އެ މީހުންނަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަށް" ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ދެމެދު ކުރެވޭ ހަނގުރާމަތަކުގައި ބައިވެރިވުމަށް ނުދިއުމަށް ދީނަށް ލޯބިކުރާ ދިވެހިރާއްޖޭގެ އެންމެހައި ޒުވާނުންނާއި ރައްޔިތުންގެ ކިބައިން އެދެމެވެ. މިފަދަ ހަނގުރާމަ ހިނގަމުންދާ ގައުމުތަކުގެ ކަންކަން ހައްލުކުރުން އައުލާކަން ބޮޑީ އެގައުމެއްގެ ރައްޔިތުން އަމިއްލައަށެވެ،" އިސްލާމިކް މިނިސްޓްރީން ނެރުނު ފަތުވާގައި ބުނެފައިވެ އެވެ.

އިސްލާމީ ޖިހާދަކީ ﷲގެ ކަލިމަފުޅު މަތިވެރި ކުރުމަށްޓަކައި ދީނާއި ގައުމުގެ ދިފާއުގައި ކަނޑައެޅިގެންވާ އިސްލާމީ ވެރިއެއްގެ ފަހަތުގައި އިސްލާމްދީނާއި ގައުމުގެ ދުޝްމަނުންނާ ދެކޮޅަށް އިހްލާސްތެރިކަމާ އެކު ކުރާ ހަނގުރާމައެއް ކަމަށާއި ހަނގުރާމަ އިއުލާނު ކުރުމާއި މީހުން ފޮނުވުމަކީ އިސްލާމީ ދައުލަތުގެ ހާކިމުގެ މަސްއޫލިއްޔަތެއް ކަމަށް އެ ރައުޔުގައި ވެއެވެ. އަދި އެއްބަޔަކު އަނެއްބަޔަކުދެކެ ރުޅިއައިސްގެން ހައްގާއިބާތިލް ވަކި ނުވެވޭގޮތަށް ކުރެވޭ ހަނގުރާމައަކީ އިސްލާމީގޮތުން ޝަރުތުތައް ހަމަވެގެންވާ ޖިހާދަކަށް ނުވާނެ ކަމުގައި އިސްލާމިކް މިނިސްޓްރީގެ ރައުޔުގައު ބުނެއެވެ.

އޭގެއިތުރުން ތިމާގެ އަމިއްލަ ނަފްސަށާއި އާއިލާއަށް ބަޔަކު އަނިޔާއެއް ދޭނަމަ އެކަމަކުން ސަލާމަތްވުމަށްޓަކައި މަސައްކަތް ކުރުމަކީ ހުއްދަކަމެއް ކަމަށާއި ނަމަވެސް އެއް މުސްލިމަކު އަނެން މުސްލިމް އަޚާގެ ލޭ އޮހޮރުވުމަކީ ނުވަތަ ހަނގުރާމަ ކުރުމަކީ ދީނީގޮތުން ހުއްދަކަމެއް ނޫންކަމަށް ވެސް މިނިސްޓްރީގެ ރައުޔުގައި ވެއެވެ.

ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވެގެން ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމީ ދީނީ އިލްމުވެރިންނާއި އިސްލާމީ ގައުމުތަކުގެ ފަތުވާ މަޖިލިސްތަކުގެ ފަތުވާތަކަށް ރިޔާއަތް ކުރެއްވުމަށްފަހު އެވެ.