އުރީދޫއިން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ފޯނުން ޚަރަދުކުރި އަދަދުގެ ފަސްގުނަ އިތުރަށް ފޯނަށް ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫ އިން މިއަދު ނެރުނު ބަޔާނެއްގައި އުރީދޫގެ ކޮމާޝަލް ޑިރެކްޓަރ އެސް.ޕީ.ސަރަތީ ވިދާޅުވީ އުރީދޫއިން މިއަދު ފެށި ޕްރޮމޯޝަނަކީ ވަރަށް ތަފާތު އަދި ވަރަށް ފަސޭހަ ޕްރޮމޯޝަނެއް ކަމަށެވެ. އެގޮތުން އުރީދޫގެ ކޮންމެ ކަސްޓަމަރަކު ކޮންމެ ދުވަހަކު މަދުވެގެން ފޯނުން 10 ރުފިޔާ ހަރަދު ކުރެއްވުމުން އޭގެ ފަސްގުނަ ކްރެޑިޓް އިތުރަށް ފޯނަށް އަނބުރާ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހްމަދު ދީދީ "ސަން" އަށް ވިދާޅުވީ، އެ ޕްރޮމޯޝަންގައި އެސްއެމްއެސް ކޮށްގެން ނުވަތަ ކޯލް ކޮށްގެން ނުވަތަ ޑޭޓާ ބޭނުން ކޮށްގެން ވިޔަސް މަދުވެގެން 10 ރުފިޔާ ޚަރަދު ކުރައްވައިފިނަމަ އޭގެ ފަސްގުނަ އިތުރަށް ފޯނަށް ކްރެޑިޓް ލިބޭނެ ކަމަށެވެ. 10 ރުފިޔާ އަށް ވުރެ މަތީ އަދަދަކުން ޚަރަދު ކޮށްފިނަމަ އެ އަދަދެއްގެ ފަސްގުނަ އިތުރަށް ކްރެޑިޓް ލިބޭނެ ކަމަށެވެ.

އުރީދޫއިން މިއަދު ފެށި އެ ޕްރޮމޯޝަން މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ރީފްސައިޑްގެ ފަރާތުން އިންޓަނެޓް ޓީވީ އާއި ސޮނީ ކެމެރާގެ އިތުރުން ޕީއެސްފޯ ފަދަ އަގުހުރި އިނާމުތަށް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ވަނީ ރަމަޟާންމަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.