ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ބޭނުންވާ އެންމެ މަދު އަދަދު ކަމަށްވާ 3،000 މެމްބަރުން ހަމަ ނުވާތީ، އެ އަދަދަށް މެމްބަރު ހަމަކުރަން ދިން މުއްދަތުގައި ވެސް މެމްބަރުން ހަމަނުކުރެވުމުން، އަށް ސިޔާސީ ޕާޓީއެއް އިލެކްޝަންސް ކޮމިޝަން އުވާލުމަށް ފަހު އަނެއްކާވެސް ދަފްތަރުގައި ހިމަނައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އުވާލާފައިވާ ޕާޓީތައް ނޫވޭ ކަމަށް ނިންމައި ދަފްތަރުގައި ހިމެނީ ސުޕްރީމް ކޯޓުން އެ ޕާޓީތައް ނުވޭ ކަމަށް އަންގާފައިވާތީ ކަމަށެވެ.

ނޫވޭ ކަމަށް އިއްޔެ އިލެކްޝަން ކޮމިޝަނުން އަލުން އިއުލާން ކޮށްފައިވާ އަށް ޕާޓީއަކީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އާއި މޯލްޑިވްސް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި ސޯޝަލް ލިބަރަލް ޕާޓީ ގެ އިތުރުން ޕީޕަލްސް ޕާޓީ އާއި މޯލްޑިވިއަން ނޭޝަނަލް ކޮންގްރެސް އާއި ޕީޕަލްސް އެލަޔަންސް އާއި މޯލްޑިވިއަން ލޭބާ ޕާޓީ އާއި ދިވެހި ގައުމީ ޕާޓީ އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައި ވަނީ އެ ޕާޓީތަކުގެ ތެރެއިން ގިނަ ޕާޓީތަކަކީ އެއްގޮތަކަށް ވެސް ހަރަކާތްތެރިވާ ޕާޓީތަކެއް ނޫން ކަމަށެވެ. އަދި ޕާޓީތަކަށް ފޮނުވާ ލިޔެކިޔުމާއި އެހެނިހެން ތަކެތި ރައްދުނުވުމުގެ ސަބަބުން އެ ޕާޓީތަކުގެ އޮފީސް ހުންނަތަން ހޯދުމަށް އެ ކޮމިޝަނުން ވަނީ އިއުލާން ވެސް ކޮށްފައެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަންޖެހޭ އެ ޕާޓީތަކަކީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އޮޑިޓް ރިޕޯޓްތައް ގަވާއިދުން ހުށަހަޅަމުން ނުދާ ޕާޓީތަކެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ހަރަކާތްތެރި ނުވާ ޕާޓީތައް އުވާލުމުން ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދުތަކެއް ކުރަންޖެހުމުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް މާލީ ގޮތުން ލިބެމުންދިޔަ ދަތިތަކަށް އެ ޕާޓީތައް އުވާލުމުގެ ސަބަބުން ލުޔެއް އަންނާނެ ކަމަށް އިލެކްޝަނުން ކުރިން ބުނެފައިވެ އެވެ.