ދެކުނުގެ ހަތަރު އަތޮޅެއްގައި ހައުސިން ޔުނިޓް އެޅުމަށް ޗައިނާގެ އެގްޒިމް ބޭންކުން ނެގުމަށް ރައްޔިތުން މަޖިލީހުން ހުއްދަދީފައި އޮތް ލޯނަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެ ވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

އެކަމާ ގުޅޭގޮތުން ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ އަމީންއާންމު އަހްމަދު މުހައްމަދު ވަނީ މަޖިލީހުގެ ޖަލްސާއަށް އިއްވަވާފަ އެވެ.

އެ ސިޓީގައި ވަނީ ޗައިނާގެ އެގްޒިމް ބޭންކުން ނަގާ 982.5 މިލިއަން ޔުއާން ރެންމިންބީ (2.4 ބިލިއަން ރުފިޔާ)ގެ ލޯނުން ދެކުނުގެ ހަތަރު އަތޮޅުގައި އަޅާ 1500 ހައުސިން ޔުނިޓުގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކާއި ގއ. އަތޮޅުގެ އިތުރުން ގދ. އަތޮޅުގައި 1500 ހައުސިން ޔުނިޓް އެޅުމަށް ޓަކައި ލޯނެއް ނަގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހުށަހަޅައިގެން މަޖިލީހުން ފާސްކޮށްފައިވާ ގޮތް ބަދަލު ކުރުމަށް ރައީސް ޔާމީން ވަނީ ނިމިގެން ދިޔަ ރައްޔިތުން މަޖިލީހަށް، މިދިޔަ ޑިސެމްބަރު މަހު ފޮނުއްވައިފި އެވެ.

ނަމަވެސް އޭރުގެ މަޖިލީހުން ނިންމާފައި ވަނީ 2011 ވަނަ އަހަރު މަޖިލީހުން ފާސްކޮށްފައިވާ ގޮތް އިތުރަށް މުރާޖާ ކުރަން ނުފެންނަ ކަމަށެވެ.

ރައީސް ނަޝީދު ސަރުކާރުގެ ފަހުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ލޯނަށް އެބަދަލު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އޭރު ވެސް މަޖިލީހުން ނިންމާފައި ވަނީ ކުރީގެ ރައީސް ހުށަހަޅުއްވާފައިވާ ގޮތަށް ލޯން ނެގުމަށް ހުއްދަ ދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް ޔާމީން ފޮނުއްވާފައިވާ ސިޓީފުޅުގައި ވިދާޅުވަނީ ލޯނުތަކާ ގުޅިގެން ނިންމަން ޖެހޭ ކަންތައްތައް ނިންމުމުގެ ބާރު އޮންނަން ޖެހޭނީ ސަރުކާރަށް ކަމަށާއި އެހެން ގޮތަކަށް އެކަން އޮވެއްޖެ ނަމަ، ތަރައްގީގެ އަމާޒުތައް ހާސިލް ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުން ހެދި އެސެސްމަންޓުތަކަށް ފަހު ހައުސިން "ނީޑްސްތައް" އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ހުޅުމާލެ އަށް ކަމަށާއި ދެކުނުގައި އަޅަން ނިންމާފައިވާ 1500 ހައުސިން ޔުނިޓްތަކުގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމުގެ ހުއްދަ ދިނުމަށް އެދޭ ކަމަށެވެ.

"ސަރުކާރުން ހަމައެކަނި ނިންމި ނިންމުމަކީ ނީޑް އެސެސްމެންޓްތަކަށް [ބޭނުންތަކަށް ބަލައިގެން] ބިނާކޮށް ދެކުނު ހަތަރު އަތޮޅެއްގައި ބޭނުންވާ ވަރަށް ހައުސިން ޔުނިޓްތައް ބިނާކުރުމަށް ފަހު ބާކީވާ ހައުސިން ޔުނިޓްތައް އެ ނީޑް [ބޭނުން] އޮތް އެހެން ސަރައްދުތަކުގައި އެޅުމެވެ. އަދި އެގޮތުން އެ ނީޑް އޮތީ ހުޅުމާލެގައި ކަމާއި ހުޅުމާލޭގައި އުޅޭ ގިނަ ރައްޔިތުންނަކީ ބޯހިޔާވަހިކަމަށް ބޭނުންވާ އަތޮޅުތަކުގެ ރައްޔިތުން ކަމަށް ވެސް މި ފުރުސަތުގައި ފާހަގަ ކުރަމެވެ." ރައްޔިތުން މަޖިލީހަށް ރައީސް ފޮނުއްވި ސިޓީފުޅުގައިވެ އެވެ.

މިހާރު މަޖިލީހުން ފާސްކޮށްފައިވާ ގޮތުން ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ނިންމަވާފައިވާ ގޮތަށް ދެކުނުގެ އައްޑޫ ސިޓީ އާއި ފުވައްމުލަކާއި ގދ. އަތޮޅާއި ގއ. އަތޮޅުގައި 1500 ހައުސިން ޔުނިޓްތަކެއް ބިނާކުރަން ޖެހޭނެ އެވެ.

ލޯނުގެ ދަށުން ހައުސިން ޔުނިޓް އަޅާ ހަތަރު އަތޮޅުގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ ހިތަދު އާއި ހުޅުމީދު އާއި ފުވައްމުލަކާއި ގއ. ވިލިނގިލިއްޔާއި ގދ. ގައްދު އާއި ގދ. ތިނަދު އާއި ގދ. ހޯޑެއްދު އާއި ގދ. މަޑެވެއްޔެވެ.

އެގްޒިމް ބޭންކުން ނަގަން ހުށަހެޅި ލޯނަކީ 20 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ހަލާސް ކުރާ ގޮތަށް ނަގާ ލޯނެކެވެ. ލޯނު ފައިސާ އެކީ ޚަރަދުކޮށް ނިމުމުން ގްރޭސް ޕީރިއަޑްގައި އަހަރަކު 17.74 މިލިއަން ޔުއާން (2.3 މިލިއަން ޑޮލަރު ނުވަތަ 35.5 މިލިއަން ރުފިޔާ) އިންޓަރެސްޓްގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭނެ އެވެ. ލޯނު ދައްކައި ނިންމަން ޖެހޭ އަހަރު ކަމުގައިވާ 2033 ވަނަ އަހަރާ ހަމަޔަށް 183.14 މިލިއަން ޑޮލަރު (2.8 ބިލިއަން ރުފިޔާ) ދައުލަތުން ދައްކަންޖެހޭނެ އެވެ.

ލޯނަށް ބަދަލު ގެނައުމަށް ރައީސް ޔާމިން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމެޓީ އަށް މިއަދު ވަނީ ފޮނުއްވާފަ އެވެ.