02 Jul 2014, 12:33
މެޖިސްޓްރޭޓުން ޑިޕްލޮމާ ފެންވަރަށް ތަމްރީނު ކުރުމަށް ފެށުނު ޕްރޮގްރާމުގެ ދަށުން 64 މެޖިސްޓްރޭޓަކު މިހާތަނަށް ޑިޕްލޮމާ ފެންވަރަށް ތަމްރީނު ކުރެވިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އޮފިޝަލަކު ވިދާޅުވީ އެ 64 މެޖިސްޓްރޭޓުން ޑިޕްލޮމާ ހާސިލްކުރައްވާފައިވަނީ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއާއި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން ކަމަށެވެ.
މެޖިސްޓްރޭޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށާފައި ވަނީ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަކީ އިސްލާމީ ޝަރީޢާ ނުވަތަ ގާނޫނު، ނުވަތަ ގާނޫނާއި ޝަރީޢާގެ ރޮނގުން ޑިޕްލޮމާ ފެންވަރުގެ ބަޔަކަށް ވާންޖެހޭނެކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ.
މެޖިސްޓްރޭޓުން ޑިޕްލޮމާ ފެންވަރަށް ތަމްރީނު ކުރުމަށް ފެށުނު ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޑިޕްލޮމާ ހާސިލް ކޮށްފައި ނުވާ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެންމެ ފަހު ބެޗު މިއަހަރު ނިމުމުގެ ކުރިން ޑިޕްލޮމާ ފެންވަރަށް ތަމްރީނުކޮށް ނިންމާނެ ކަމަށް ވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު ފާސްކުރިއިރު ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ ތައުލީމީ ޝަރުތު ފުރިހަމަ ނުވާ ފަނޑިޔާރުންނަށް އެޝަރުތު ފުރިހަމަ ކުރުމަށް ހަތް އަހަރު ދުވަހުގެ މުއްދަތެއް ފަނޑިޔާރުންނާބެހޭ ގާނޫނުގެ 15 ވަނަ މައްދާގެ (ކ) އިން ލިބިދީފައިވެއެވެ. އެމުއްދަތު ހަމަވާނީ 2017 ވަނަ އަހަރުއެވެ.