02 Jul 2014, 11:07
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ ހޯމަ ދުވަހު 659 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ބަލައިގެންފައިވާ ކަމަށާއި އެއީ ރެކޯޑް އަދަދަކަށް ފައިސާ ބަލައިގަތުން ކަމަށް މީރާ އިން ބުނެފި އެވެ.
މީރާ އިން ބުނީ އެހާ ގިނަ އަދަދަކަށް ފައިސާ ބަލައިގަނެވުނީ މިދިޔަ ހޯމަ ދުވަހަކީ 1ޖެނުއަރީ އިން 31 ޑިސެމްބަރަށް ހިސާބުކުރުމުގެ މުއްދަތު ނިމޭ ފަރާތްތަކުން 2013 ވަނަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭ ސުންގަޑިކަމަށް ވުމުން ކަމަށެވެ.
"އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ބީޕީޓީ، ޖީއެސްޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި" މީރާ އިން ބުންޏެވެ.
މީރާ އިން ވަނީ ބީޕީޓީ ބަލައިގަތުމަށް ރޭގަނޑުގެ ވަގުތުގައި ވެސް ކައުންޓަރު ހުޅުވައިގެން 3000 އަށް ވުރެ ގިނަ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް މީރާ އިން ބުންޏެވެ.
މީރާ އިން ބުނީ މިދިޔަ ހޯމަ ދުވަހު އެ އޮތޯރިޓީ އަށް ލިބުނު 659 މިލިއަން ރުފިޔާ އަކީ މިހާތަނަށް އެއް ދުވަހެއްގެ މަތިން މީރާ އިން ބަލައިގަނެފައިވާ އެންމެ ބޮޑު އަދަދުކަމަށެވެ.