ވަށައިޖެހޭ ތައުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ އިތުރު ހަރަކާތްތައް ހިންގުމަށްޓަކައި ޓީޗަރުންނަށް ހައްގުވާ ފައިސާ އާއި އިތުރު ވަސީލަތްތައް ފުރިހަމަވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ ދިރާސީ އައު އަހަރު މިއަދު ފެށުމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ތަސްމީން ވިދާޅުވީ، ތައުލީމީ އައު އަހަރު ފެށޭއިރު ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ވެސް ފެންވަރު ރަނގަޅު ޓީޗަރުން މަސައްކަތް ކުރަން ތިބޭނެ ކަމަށް އުއްމީކުރައްވާ ކަމަށެވެ. އަދި ވަށައި ޖެހޭ ތައުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ އިތުރު ހަރަކާތްތައް ހިންގުމަށްޓަކައި އެ ޓީޗަރުންނަށް ހައްގުވާ ފައިސާ އާއި އިތުރު ވަސީލަތްތައް ފުރިހަމަވެފައި ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަދުގެ ކިޔަވާ ކުދިންނަކީ ގައުމުގެ ކުރިމަގު ބައްޓަން ކުރަންތިބި ދިވެހި ދަރިންކަން ފާހަގަކުރައްވަމުން ތަސްމީން ވިދާޅުވީ، އެ ކުދިންނަށް ޤައުމީ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭނީ ރަނގަޅު ތައުލީމަކާއި، ރަނގަޅު ތަރުބިއްޔަތެއް ލިބިގެން ކަމަށެވެ. އަދި ތައުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމުގައި މައި އިދިކޮޅު ޕާޓީގެ ލީޑަރު ވިދާޅުވި އެވެ.
"މިފަދަ ތަޢުލީމާއި ތަރުބިއްޔަތު ތަޢުލީމީ ނިޒާމުގެ ތެރެއިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ. ވީމާ، ރާއްޖޭގެ ތަޢުލީމީ ނިޒާމާއި ދޭތެރޭ، އެންމެހާ ކިޔަވާ ކުދިންނާއި، މައިންބަފައިންނާއި، މުދައްރިސުންނާއި އަދި ސުކޫލް މަދަރުސާތަކުގެ ވެރިން ދެކެމުންދާ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިނުމަށް ސަރުކާރުން މަސައްކަތް ކޮއްދެއްވުމަށް އަޅުގަނޑު ގޮވާލަމެވެ." އެ ނޫސްބަޔާނުގައިވެ އެވެ.
ތަސްމީން ވަނީ، ރަނގަޅު ނަތީޖާ ހާސިލްކުރުމަށް ދަރިވަރުންނަށް މިއަދު ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
"މިފެށޭ ދިރާސީ އައު އަހަރަކީ ރާއްޖޭގެ އެންމެހާ ދަރިވަރުންނަށް ކާމިޔާބު އަހަރަކަށް ވެގެންދާނެކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ. އަދި ރަނގަޅު ނަތީޖާ ޙާޞިލްކުރުމުގެ މަތިވެރި އަޒުމުގައި ސާބިތުވެ ތިބުމަށް ތިޔަ ދަރިވަރުންނަށް އަޅުގަނޑު ނަސޭޙަތްތެރިވަމެވެ."