ބްރެޒިލްގައި ކުޅޭ ވޯލްޑް ކަޕް ފުޅުބޯޅަ މުބާރާތުގެ މެޗުތައް ބަލާލަން އެ ގައުމަށް ދިއުމުގެ ފުރުސަތު ދޭގޮތަށް ކޮކާކޯލާ އިން ފެށި ޕްރޮމޯޝަން އިން ހޮވުނު ފަރާތްތަކުން ބުރެޒިލް އަށް ދިއުމަށް ފުރައިފި އެވެ.

ބުރެޒިލް އަށް ދިއުމަށް އެ ޕްރޮމޯޝަން އިން ހޮވުނު ހަ މީހުންނާއި ކޮކާކޯލާގެ ދެ އޮފިޝަލުން ފުރާފައި ވަނީ މިއަދު ހެނދުނު 9:15ގައި ސްރީލަންކަންގެ ފްލައިޓުންނެވެ.

ބުރެޒިލް އަށް ވޯލްޑް ކަޕް ބެލުމަށް ފުރުސަތު ލިބުނު ހަ މީހުންނަކީ އަބުދުﷲ ޒަމީރު އާއި އަލީ ނިޔާޒްގެ އިތުރުން އައިމިނަތު ހައިފާ އާއި ހުސެއިން އީމާން އާއި މުހައްމަދު ފާކިރުގެ އިތުރުން ތޯރިގް މުހައްމަދު އެވެ.

އެ ޕްރޮމޯޝަނަކީ ވޯލްޑް ކަޕްގެ އެއް ޕާޓްނަރު ކަމަށްވާ ކޮކާކޯލާ އިން މިދިޔަ މަހުގެ 15 އިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންނެކެވެ. އެ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ކޮކާކޯލާގެ ޕްލާސްޓިކް ފުޅީގެ މަތިގަނޑުގެ ދަށުގައި އިންނަ ކޯޑް، "ކޯކް" ޖެހުމަށް ފަހު 2626 އަށް އެސްއެމްއެސް ކޮށްގެންނެވެ.

ވޯލްޑް ކަޕް ބަލަން ދާން ފުރުސަތު ލިބުނު ހަ މީހުންގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ކޮކާކޯލާއިންނެވެ.